ހުޅުމާލޭގައި މިހާރު ހިންގަމުން އަންނަ ވަގުތީ މާރުކޭޓު ހުސްކުރަން ނޯޓިސް ދީފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، ހުޅުމާލެ ކޮރަލްވިލް ފްލެޓްތައް ކައިރީގައިވާ ހުސް ބިމުގައި ބޮޑުމަގަށްވާ ގޮތަށް 2015 ވަނަ އަހަރު ހުޅުވި ވަގުތީ މާރުކޭޓް ހުސްކުރަން އެތަނުގައި ގޮޅިތައް ހިންގާ މީހުންނަށް ނޯޓިސް ދިނީ މިމަހުގެ ނިޔަލަށް ކަމަށެވެ.

މިމަހުގެ ނިޔަލަށް ހުޅުމާލެ ވަގުތީ މާރުކޭޓް ހުސްކުރަން އެންގިއިރު، އެޗްޑީސީން ބުނީ "ރަށު މާރުކޭޓު" ނަމުގައި ހުޅުމާލޭގައި ހަދާފައިވާ އައު ލޯކަލް މާރުކޭޓުގެ ހިދުމަތް މިހާރުވެސް އާމުންނަށް ލިބެމުންދާ ކަމަށާއި ނަމަވެސް، އެމާރުކޭޓް ރަސްމީކޮށް ހުޅުވުމަށް ހަަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އަދި އައު މާރުކޭޓުގެ ގޮޅިތައް މިވަގުތު ބޭނުން ކުރަމުން އަންނަނީ މަދު ފަރާތްތަކުން ކަމަށާއި މިމަސް ނިމުމުގެ ކުރިން ގޮޅިތައް ލިބުނު ހުރިހާ ފަރާތްތަކުން ގޮޅިތައް ބޭނުން ކުރަން ފަށާނެ ކަމަށް ވެސް އެޗްޑީސީއިން މައުލޫމާތު ދެއެެވެ.

އެޗްޑީސީން ބުނީ، އަލަށް ހުޅުވާ މިމާރުކޭޓުގެ ގޮޅިތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބޭނަމަ އެގޮޅިތައް އަތުލާނެ ކަމަށާއި ގޮޅިތަކުގެ ސޭޓުންނަށް ތިބެން ޖެހޭނީ ދިވެހިން ކަމަށެވެ. އަދި މިގޮޅިތައް ހިންގުމުގެ ގަވާއިދެއްވެސް ހެދިފައިވާ ކަމަށާއި އެގަވާއިދު ގޮޅިތަކުގެ ވެރިންނާ ހަވާލް ކުރެވެމުން އަންނަ ކަަމަށް ވެސް އެޗްޑީސީން މައުލުމާތު ދެއެވެ.

ނިމިދިޔަ ރޯދަމަހުގެ ކުރިން ހުޅުވަން މަސައްކަތް ކުރި މިމާރުކޭޓު ނުހުޅުވުނީ ނިންމަން ޖެހޭ ބައެއްކަންކަން ނުނިމިހުރުމުން ކަަމަށް ފާހަގަކޮށް އެޗްޑިސީން ބުނީ، މިމާރުކޭޓުން ގޮޅިތައް ނަގާފައިވާ ފަރާތްތަކުން ކޮންމެ މަހަކުވެސް އެޗްޑިސީއަށް 3500 ރުފިޔާ ދައްކަން ޖެހޭ ކަަމަށެވެ. އަދި މިމާރުކޭޓުގެ ގޮޅިތައް ބަހާލާފައިވާ ދެ ބަޔަކީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލެވެ. މިގޮޅިތަކުގައި 69 އަކަފޫޓް ހުރެ އެވެ.

އެތައް ހާސް ބަޔަކު ދިރިއުޅެމުން ގެންދާ ހުޅުމާލޭގައި މިވަގުތު ހުރި ވަގުތީ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދީފައިވަނީ މަހަކު 1500 ރުފިޔާ އަށެވެ.