ފަސްވަނަ ވޯލްޑް ޓޫރިޒަމް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާއަށް ވަޑައިގަންނަވައިފި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯގެ ދައުވަތަކަށް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާ މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރާ ތަސައްވުރާއި މިކަން ހާސިލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ މަގުސަދުގައި، މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމައްދީން ކެޓާޕިއާ އެކު މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދު ރަސްމީކޮށް ފައްޓަަވައި ދެއްވާ މި ކޮންފަރެންސްގެ ޝިއާރަކީ ބިޔޯންޑް ޓޫރިޒަމް ބިޔޯންޑް އެކްސްޕެކްޓޭޝަންސް އެވެ.

މިނިސްޓަރުގެ ދަތުރުފުޅުޅައި މެލޭޝިއާގެ ލިމްކޮކްވިން ޔުނިވާސިޓީގެ ދައުވަތަކަށް، އެ ޔުނިވާސިޓީގެ ރައީސްއާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިބައްދަލުވުމުގައި މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށްޓަކައި ލިމްކޮކްވިން ޔުނިވާސިޓީއިން ފުރުސަތު ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މެލޭޝިއާއަކީ އާސިއާންގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މެލޭޝިއާއިން 11،256 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.