އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވި ބިލްޑެކްސް އެކްސްޕޯ ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އިންތިޒާމުކޮށްގެން ބޭއްވި މިއެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ ތިން ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގަ އެވެ.

މި އެކްސްޕޯއާއި ގުޅޭގޮތުން މަސީން ބުނީ މިފަހަރުގެ އެކްސްޕޯއަށް ހާހަކަށް ވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވާ ކަމަށާ އެހެންކަމުން މިއީ ވަރަށް ކާމިޔާބު އެކސްޕޯއެއް ކަމަށް ދެކޭ ކަމަށެވެ.

މަސީން ބުނީ އަންނަ އަހަރުވެސް މިއެކްސްޕޯ ބާއްވަން މިހާރު ނިންމާފައިވާ ކަމަށާ، އަންނަ އަހަރުގެ އެކްސްޕޯ ޚާއްސަ ކުރާނީ ޒުވާނުންނަށް ޚާއްސަކޮށްގެން ޒުވާނުން މިދާއިރާއަށް ބިނާކުރުމަށް ކަމަށެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ 10 ގައުމަކުން މިފަަހަރުގެ އެކްސްޕޯގައި ވަނީ ބައިވެރިވެފަ އެވެ.

100 އެއްހާ ސްޓޯލާއެކު ކުރިއަށް ގެންދިޔަ މި އެކްސްޕޯގެ މައުގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތުތައް ކުންފުނިތަކަށާއި އާންމުންނަށް ފޯރުކޮށްދީ މި ސިނާއަތަށް ގިނަ މީހުން ޝައުގުވެރި ކުރުވުން ކަމަށް މަސީން ބުނެ އެވެ.

މިއަހަރުގެ ބިލްޑެކްސް އެކްސްޕޯގެ ތީމަކީ "ބިލްޑް ސޭފް ލިވް ސޭފް" އެވެ.