ގައުމީ ފުޓްބޯޅަ ޓީމުން އަލީ އަޝްފާގު (ދަަގަނޑޭ) އަށް ފުރުސަތު ނުދޭ މައްސަލައިގައި މީސް މީޑިއާގައި ދަގަނޑޭގެ ދިފާއުގައި އެތައް ސަޕޯޓަރުންތަކެއް އަންނަނީ އަޑު އުފުލަމުންނެވެ. އެއްބަޔަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށްވެސް ފާޑު ކިޔެވެ. އަނެއް ބަޔަކު ގޮވާލަމުން އަންނަނީ ގައުމީ ޓީމުގެ ކޯޗުކަމުން ޕީޓާ ސެގާޓް ވަކިކުރުމަށެވެ.

ދެކުނު އޭޝިއާގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ދަގަނޑޭ ކަމަށާއި، އެފަދަ ވަރުގަދަ ހަތިޔާރެއް ރާއްޖޭގައި ހުރިއިރު، އެ ހަތިޔާރު ބޭނުންނުކުރާ ސަބަބެއް ސާފުކޮށްދިނުމަށްވެސް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. އޭގެ ބަދަލު ގައުމީ ޓީމަކީ ތަޖުރިބާ ހޯދަންދާ ޓީމަކަށް ހަދައިގެން ނުވާނެ ކަމަށާއި، މިއީ ފުޓްބޯޅައިގައިވެސް ރާއްޖެއިން ވަނަތައް ގެންނަންވީ ދުވަސް ކަމަށް ސަޕޯޓަރުން ދެކެއެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއިން ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ގުއާމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗާއި، އެ މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ޗައިނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.

ސަޕޯޓަރުން އަދިވެސް ތިބީ ގައުމީ ޖާޒީގައި ދަގަނޑޭ ފެންނާނެ ދުވަހަކަށެވެ. ދަގަނޑޭގެ ކުޅުން ބަލާލަން ތައްޔާރަށް ތިބި ސަޕޯޓަރުންގެ އާދޭހަކީ ރާއްޖޭގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައި ދަގަނޑޭ ފެނިގެންދިޔުމެވެ. އޭރަށް އެ މެޗުގައި ގައުމީ ފުޓްބޯޅަ ދަނޑު ރަތް ކުލައިން ފުރާލަން ސަޕޯޓަރުން ތިބީ ތައްޔާރަށެވެ.

ދަގަނޑޭއާއެކު ގައުމީ ޓީމަށް މީގެ ކުރިން ކުޅުނު އެތައް ކުޅުންތެރިންނެއް ދަގަނޑޭގެ ދިފާއުގައި ވަނީ ނުކުމެފައެވެ. މިހާރުގެ ސްކޮޑުގައި ތިބި ގިނަ ކުޅުންތެރިންވެސް ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމަށް ދަގަނޑޭގެ ބޭނުން ވަރަށް ބޮޑެވެ.