ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތްކުރާ 14 ރަށުގައިި ވޯޓަ ސޭފްޓީ ބޯޑު ބަހައްޓާ ނިމިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބޯޑު ބަހައްޓަން ނިންމާފައިވާ 19 ރަށުގެ ތެރެއިން 14 ރަށެއްގައި ބޯޑު ބަހައްޓާ ނިމިފައިވާ ކަމަށާއި، ބާކީއޮތް ފަސް ރަށުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބޯޑު ބަހައްޓާ ނިމޭނެ ކަމަށެވެ.

މި ބޯޑުތަކަކީ މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ އިރުޝާދުތަކާއި، މޫދަށް އެރި އުޅުމާއި، ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑުތަކުގެ މައުލޫމާތު ހިމެނޭ ބޯޑުތަކެކެވެ.

މިނިސްޓަރު ވިދާޅުވީ ބޯޑު ބެހެއްޓުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގާ ހުރިހާ ރަށެއްގައި މިއަހަރުގެ ތެރޭގައި ސޭފްޓީ ބޯޑު ބަހައްޓަން މަސައްކަތް ކުރައްވާ ކަމަށެވެ. މީގެއިތުރުން އަންނަ އަހަރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޭފްޓީ ބޯޑު ބަހައްޓާނެ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ސޭފްޓީ ބޯޑުގެ ފުރަތަމަ ސެކްޝަންގައި ހިމަނާފައިވަނީ ބޯޑު ހަރުކުރެވިފައިވާ ތަނުގެ މައުލޫމާތާއި އެމަޖެންސީ ހާލަތްތަކުގައި ގުޅަންޖެހޭނެ ނަންބަރުތަކެވެ. އަދި ބޯޑުގެ ދެވަަނަ ސެކްޝަންގައި ހިމަނާފައިވަނީ ގޮނޑުދޮށުގައި ކުރުން މަނާ ކަންތައްތަކެވެ.

ބޯޑުގެ ތިންވަނަ ޝެންޝަންގައި މޫދުގައި ހަރުކޮށްފައިވާ ދިދަތަކުގެ މައުލޫމާތާއި އެ ދިދަތައް ހުންނަ ސަރަހައްދުގައި ކުރުން ހާއްސަކޮށްފައިވާ ކަންތައްތަކުގެ ތަފްސީލް ހިމަނާފައިވާއިރު ބޯޑުގެ ހަތަރުވަނަ ސެކްޝަންގައި ވަނީ ގޮނޑުދޮށުގައި ހެދުން އެޅުމުގެ ތަފްސީލެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި މަސައްކަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި އަދި ދިވެހިރާއްޖޭގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިއްމު އަދި ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މައުލޫމާތު ބޯޑުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްތަކުގައި ހެދުން އެޅުމުގެ މިންގަނޑު ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދު ތަކުގެ ދަށުން، އެފަދަ ކަންކަން އޮންނަ ގޮތާއި އުސޫލު، މަންޒަރާއި އެއްކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފެންނާނެ ކަމަށެވެ.