އެމޭޒަން ޖަންގަލީގެ އިތުރު އެތައްސަތޭކަ ސަރަހައްދުތަކެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

އެމޭޒަން ޖަންގަލީގެ އިތުރު ސަރަހައްދުތަކެއްގައި އަލިފާން ރޯވެ އަނދާން މިފެށީ، މިހާރުވެސް ރޯވެފައިވާ އެތައްހާސް ސަރަހައްދުތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެމޭޒަން ޖަންގަލި ހިމެނޭ ސަރަހައްދުގައި އޮންނަ ބްރެޒިލްގެ 9 ސްޓޭޓްގެ ތެރެއިން ހަ ސްޓޭޓަކުން މިހާރުވަނީ، އެ ސްޓޭޓްތަކުގައި އަނދަމުންދާ އަލިފާންގަނޑުތައް ނިއްވުމަށް ސިފައިންގެ އެހީތެރިކަމަށް އެދިފައެވެ.

ޕާރާ، ރޮންޑޮނިއާ، ރޮރެއިމާ، ޓޮކަންޓިންސް، އޭކްރޭ އަދި މާޓޯ ގްރޮސޯ ސްޓޭޓުން ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް، ބްރެޒިލް ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރ ރިކާޑޯ ސަލޭސް ވިދާޅުވިއެވެ.

އެ ސްޓޭޓްތަކުން ސިފައިންގެ އެހީތެރިކަމަށް މި އެދުނީ، އަލިފާން ނިއްވުމުގެ މަސައްކަތަށް ސިފައިން ނުކުތުމުގ ހުއްދަ ބްރެޒިލްގެ ރައީސް ހެއިރް ބޮލްސޮނާރޯ ދެއްވިތާ އެއްދުވަސް ފަހުންނެވެ.

ބްރެޒިލްގެ ދިފާއީ ވަޒީރު ފަރނާންޑޯ އަޒެވީޑޯ ވިދާޅުވީ، އަލިފާން ނިއްވުމުގެ މަސައްކަތަށް ސާޅީސް ހަތަރުހާސް ސިފައިންގެ ފައުޖެއް ނެރުއްވާނޭ ކަމަށެވެ.

އެގޮތުން، ހަތްސަތޭކަ ސިފައިންގެ ފުރަތަމަ ގްރޫޕް، ސީ-130 ހާކިއުލްސް ދެ މަތިންދާ ބޯޓްގައި މަސައްކަތް ފަށާނީ ރޮންޑޮނިއާ ސްޓޭޓްގެ ވެރިރަށް ޕޯރޓޯ ވެލްހޯގައި ކަމަށްވެސް ވިދާޅުވިއެވެ. ސީ-130 ހާކިއުލްސް ކޮންމެ މަތިންދާ ބޯޓަކަށް ބާރަހާސް ޓަނުގެ ފެން އުފުލެއެވެ.

ބްރެޒިލްގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޭސް ރިސާޗްއިން މިއަދު ބުނެފައިވަނީ، ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހާ ދެމެދު އިތުރު 1،663 ސަރަހައްދެއްގައި އަލަށް އަލިފާން ރޯވެ އަނދަން ފަށާފައިވާ ކަމަށެވެ.

ބްރެޒިލްގެ ޖަންގަލިތަކުގައި މިއަހަރުގެ ތެރޭގައި ހަތްދިހަ އަށްހާސް ތިންސަތޭކަ އަށްޑިހަ ތިން އަލިފާނުގެ ހާދިސާތައް ހިނގާފައި ވާކަމަށް ރަސްމީ ތަފާސްހިސާބުން ދައްކާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އަށްޑިހަ ހަތަރު އިންސައްތަ އިތުރު މިންވަރެކެވެ.

މިއަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ހާދިސާތައް ހިނގާފައިވަނީ އެމޭޒަން ޖަންގަލީގައެވެ.

އަލިފާނުގެ ހާދިސާތަކުގެ ޒިންމާ، ކަމާބެހޭ ފަރާތްތަކުން ދަނޑުވެރިންނާއި، އެކި ބޭނުންތަކުގައި ގަސްކަނޑާ މީހުންގެ ބޮލުގައި އަޅުވާއިރު، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމޭޒަން ޖަންގަލީގެ އެތައް ސަރަހައްދެއްގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަމުންދާއިރު، އަލިފާން ނިއްވުމުގެ މަސައްކަތް ލަސްކަމުން އެތައްބައެއްގެ ނުރުހުން ބްރެޒިލް ސަރުކާރަށް އަމާޒުވެފައި ވެއެވެ.