ނޫސްވެރިކަމުގެ އިނާމުދިނުމުގެ ހަފްލާ އަންނަ މަހު ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ މިއަހަރުގެ އެވޯޑަށް ޖުމްލަ 13 ދާއިރާއަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އިނާމަށް 40 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރަށް އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށްވެސް ފަސް މީޑިއާއަކުން ފަސް ނޫސްވެރިން ވާދަކުރާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެއިތުރުން ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅުވައި އެވޯޑްދީ ނިމިފައި ވަނިކޮށް އަލުން ހުޅުވާލައިގެން އެއެވޯޑަށް 29 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށްވެސް މީޑިއާ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ،ިފަހަރު ހުޅުވަލާފައިވަނީ މިދިޔަ މާޗް މަހުގެ ނިޔަލަށެވެ. އަދި އިނާމު ދިނުމުގެ އުސޫލުތަކަށް ބައެއް ބަދަލުތައްވެސް ގެނެސްފައިވެއެވެ.

އެގޮތުން ފީޗާ އާއި ފޮޓޯ ގްރަފީ ފިޔަވައި އެހެން ދާއިރާތަކަށް ކުރިމަތިލުމަށް ފަސް އުފެއްދުން ހުށަހަޅަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެކުރިން ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހެނީ 3 ޚަބަރާއި 2 ރިޕޯޓެވެ.

ކުރިން ފީޗާ ދާއިރާއަށް ވާދަކުރާ ބޭފުޅުންނަށް އެހެން އެއްވެސް ދާއިރާއަށް ވާދަނުކުރެވޭ ގޮތަށް އޮތް ނަމަވެސް މިހާރު ގެނެވުނު އިސްލާހާއެކީ އެހެން ދާއިރާތަކަށް ވާދަކުރާ ބޭފުޅުންނަށްވެސް ފީޗާ ދާއިރާއަށް ވާދަކުރެވޭ ގޮތަށް ވަނީ އުސޫލަށް އިސްލާހު ގެނެސްފައެވެ.

އަދި މީގެއިތުރަށް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އިނާމަށް ކުރިމަތިލާފައިވާ ހުރިހާ ނޫސްވެރިނާ އިންޓަވިއު ކުރުމަށް ވަނީ ހަމަޖެހިފައެވެ، އެހެން އަހަރުތަކުގައި އިންޓަވިއު ކުރަނީ ހަމައެކަނި އުނުމީދީ ނޫސްވެރިޔާގެ އިނާމަށް ވާދަކުރާ ފަރާތްތަކާއެވެ.