އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ހުންނެވި އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 7 ގައުމުގެ ވެރިންގެ ސަމިޓް ނުވަތަ ޖީ7 ސަމިޓަށް ފަރަންސޭސިވިލާތަށް ވަޑައިގެންފިއެވެ.

މިފަހަރުގެ ޖީ7 އެންމެ އިސްވެރިންގެ ސަމިޓް ބާއްވަނީ ފަރަންސޭސިވިލާތުގެ ދެކުނުހުޅަނގު ރިސޯޓް ރަށެއް ކަމަށްވާ ބިއަރިޒްގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް ދަތުރުކުރެއްވި އީރާނު ސަރުކާރުގެ މަތިންދާ ބޯޓް، ބިއަރިޒް އެއަރޕޯޓްގައި ޖައްސާފައިވާކަން، ފްލައިޓް ދަތުރުތައް ދެނެގަންނަ ވެބްސައިޓް ފްލައިޓްރާޑަރ24 އިން ބުނެފައި ވެއެވެ.

އީރާނު ޚާރިޖިއްޔާގެ މަސްދަރުތަކާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، އީރާނުގެ ޚާރިޖީ ވަޒީރު، ޖީ7 ސަމިޓަށް ވަޑައިގެންނެވި ނަމަވެސް، ސަމިޓްގައި ބައިވެރިވެވަޑައި ގަންނަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާވެސް އަދި ޓްރަމްޕްގެ ވަފުދުގެ ބޭފުޅަކާވެސް ބައްދަލު ނުކުރައްވާނޭ ކަމަށެވެ.

ޖީ7 ސަމިޓަށް އީރާނުގެ ޚާރިޖީ ވަޒީރު ވަޑައިގަތުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ "ނޯ ކޮމެންޓް" މިހެންނެވެ.

ޒާރިފްގެ ދަތުރުފުޅާ ގުޅޭގޮތުން، މިފަހަރުގެ ސަމިޓް ބާއްވާ ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކޯންގެ އޮފީހުންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި، އީރަނާއި ހުޅަނގުގެ ބޮޑެތި ބާރުތަކާއެކު ވެފައިވާ އެއްބަސްވުމުން އެމެރިކާ ވަކިވެ، ޓްރަމްޕާއި އީރާނާ ދެމެދު ހިނގަމުންދާ އަރާރުންތައް ކުޑަކޮށް، މަސްރަހް ފިނިކުރުމަށް ޔޫރަޕްގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ވެއެވެ.

މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ފަރަންސޭސީން ހުށަހެޅި ހުށަހެޅުން ޓްރަމްޕްވަނީ ގަބޫލު ނުކޮށްފައެވެ. ވިދާޅުވީ، އެކަމުގައި މެދުވެރިޔަކު ބޭނުންފުޅު ނުވާ ކަމަށާއި، އެކަން ކުރައްވާނީ އޭނާ އަމިއްލަފުޅަށް ކަމަށެވެ.

އެހެން ނަމަވެސް، މަސްރަހް ފިނިކުރުމަށް ފަރަންސޭސިވިލާތުން މަސައްކަތް ކުރާތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖީ7 ގައި ހިމެނެނީ ދުނިޔޭގެ އެންމެ ވަރުގަދަ ހަތް އިގްތިސާދެވެ. އެއީ، ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.

މި ގައުމުތަކުގެ އިތުރުންވެސް، ޖީ7 ސަމިޓްގައި އޮބްޒާވަރުންގެ ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތައްވެސް ބައިވެރިވެއެވެ.

ޖީ7 ގެ ދެދުވަހުގެ ސަމިޓް ބިއަރިޒްގައި ކުރިއަށްދާއިރު، އެމެރިކާއާއި، އެހެން ގައުމުތަކާ ދެމެދު ވަރަށް ބޮޑެތި އަރާރުންތައް މިފަހަރު ހިނގާނޭ ކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ.

ސަބަބަކީ، މިދުވަސްވަރަކީ ދުނިޔޭގައި ބޮޑެތި މައްސަލަތަކެއް ހިނގަމުންދާ ދުވަސްވަރެއް ކަމުންނެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ބޮޑެތި ބައިބައިވުންތައް އުފެދިފައިވާތީއެވެ. އޭގެ ތެރޭގައި ވިޔަފާރީގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކާއި، އީރާނުގެ މައްސަލަވެސް ހިމެނެއެވެ.

މިކަންކަމާހެދި މިފަހަރުގެ ސަމިޓް ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ގޯސް ސަމިޓަށް ކަމަށް މީޑިއާއިން ބުނި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، މީޑިއާއިން އެކަމާ ގުޅޭގޮތުން ފަތުރަނީ ދޮގު ޚަބަރު ކަމަށެވެ.

ލީޑަރުންގެ މެދުގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށާއި، ޖީ7 ގެ އެހެން ގައުމުތަކާއި އެމެރިކާއާވެސް ބައިބައިވުމެއް ނެތް ކަމަށެވެ. ސަމިޓް ކުރިއަށްދަނީ އޮމާންކަމާ އެކުގައިކަމަށްވެސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.