މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ 2 މަގާމަށް ކުރިމަތިލެއްވި 36 މެންބަރުންގެ ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވައިފިއެވެ.

ބްރޯޑްކޮމް އަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ހުސްވި ހަފުތާގެ ތެރޭގައެވެ.

ވީނިއުސް އަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ 2 މަގާމަށް ކުރިމަތިލެއްވުމަށް އެދި 36 ބޭފުޅަކު ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެ 36 ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ރައީސް އޮފީހުން ފޮނުވާފައިވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

މި ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވާފައި ވާއިރު، މިއަދުގެ ޖަލްސާގެ އެޖެންޑާގައި ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައި ވަނީ ހިމަނުއްވާފައެވެ. އެގޮތުން ޖަލްސާ ފަށައިގަނެ އެންމެ ފުރަތަމަ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބްރޯޑްކޮމްގެ މެންބަރަކު ޢައްޔަން ކުރެއްއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް އޮތް ނަމަވެސް ރިޔާސަތުން އެކިއުން އިއްވާފައެއް ނުވެއެވެ. އަދި ޖަލްސާގެ އެޖެންޑާގެ އެބައި ކުރިއަށް ނުގެންދެވި ސަބަބާއި ގުޅިގެން މަޖިލީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.