ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އަންހެނުން ހިއްސާ ކުރާއިރު، ގައުމު ބިނާ ކުރުމުގައި އަންހެނުން ބާކީ ނުކުރެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީން) ބުނެފިއެވެ.

އެމްޑީޕީ އިން މިހެންބުނެފައި މިވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލީޙް ޖޭއެސްސީއަށް ފޮނުއްވި ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދަކީ އަންހެން ދެބޭފުޅުން ކަމަށްވާތީ، އެ ދެބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން ގިނަ ބައެއްގެ މެދުގައި ހިޔާލު ތަފާތު ވެފައިވާ ވަގުތެއްގައި އެޕާޓީ އިން ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މާފަންނު ސީނާ ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، މާފަންނު ކޮކާހަނދުވަރުގޭ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެ ބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާތީ، އެކަމަށް އެޕާޓީއިން މަރުހަބާ ކިޔާކަމަށެވެ.

އެމްޑީޕީން ބުނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އަންހެނުން ހިއްސާ ކުރާއިރު، ޤައުމު ބިނާ ކުރުމުގައި އަދި ޚާއްޞަކޮށް ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އަންހެނުން ބާކީކޮށްފައި ޤައުމެއް ބިނާ ކުރެވިދާނެ ކަމަކަށް އެޕާޓީން ނުދެކޭ ކަމަށެވެ. އަދި އިޤްޠިޞާދީ، އިޖްތިމާޢީ އެންމެހައި ކަންކަމުގައިވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށްވެސް ލިބިދޭން ޖެހޭނެކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީގެ އެތައް އަހަރެއް ކުރީންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ފަނޑިޔާރުން ވަނީ އައްޔަން ކޮށްފައިކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ޖޭއެސްސީއަށް ނަންފުޅު ފޮނުއްވި އަންހެން ދެ ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސިވިލް ކޯޓުގައި އެތައް ބައިވަރު ޝަރީޢަތްތަކެއް ކުރައްވައި އެކަމުގެ އެތައް ބައިވަރު ތަޖްރިބާތަކެއް ލިބިވަޑައިގެންތިއްބެވި ކުރީގެ ދެ ފަނޑިޔާރުންކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން އައްޔަން ކުރުމަށް ރައީސް ފިނުއްވުމުން އެ މައްސަލައިގައި ރާއްޖޭގެ ގިނަ އިލްމުވެރިން ދަނީ އިސްލާމްދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.