ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ދައުލަތުގެ މިއަހަރުގެ ބެޖެޓަށް އިތުރުކުރަން ފިނޭސް މިނިސްޓްރީން ފޮނުވި 1.7 ބިލިއަން ރުފިޔާ ފާސްކުރަން މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފިއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައިވާ ގޮތަށް އިތުރު އިސްލާހަކާއި ނުލައި ފާސްކުރަން ނިންމީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ 27 މެންބަރުންގެ އިއްތިފާގުންނެވެ. ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އިގުތިސޯދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގެ ބޭފުޅުންނެވެ.

ފިނޭންސުން ހުށަހެޅި ގޮތަށް ކޮމެޓީން ބަޖެޓް ފާސްކުރިއިރު، ކޮމެޓީން ނިންމާފައި ވަނީ، ކޮމެޓީން ނިންމި ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު އެ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތުކޮޅެއް އެރުވުމަށެވެ. ފިނޭންސް ފޮނުވެ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރަން ކޮމެޓީއަށް ފިނުވީ މަޖިލީހުގެ ތަޅުމުގައި ބަހުސް ނުކޮށް ކަމަށްވާއިރު، އެކަން މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ފާގަކުރައްވާފައެވެ.

ނަަމަވެސް މަޖިލީހުގެ ގާނޫނުން އެކަން ކުރުމަށް މަނާ ނުކުރާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމިޓީއަށް ބެޖެޓް ރިޕޯޓް ފޮނުއްވީއެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ކައުންސިލާ ޖެނަރަލް ފާތިމަތު ފިލްޒާވެސް ވިދާޅުވީ، ރިޔާސަތުން އެގޮތަށް ނިންމުމުގެ ބާރު ލިބިދީފައިވާ ކަމަށާއި، ސަޕްލިމެންޓްރީ ބަޖެޓާއި ގުޅިގެން އަމަލުކުރާނެ ވަކި ގޮތެއް ގަވައިދުގައި ނޯންނަކަމަށެވެ.