އަންހެނަކު ޢައްޔަންކުރުމަކީ ހުއްދަނޫން ކަމެއްކަމަށް ބުނާ ރަޢުޔަށް ބުރަވާކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނިންމައިފިއެވެ.

ޢަދާލާތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން މިހެން ބުނެފައި ވަނީ، ފަނޑިޔާރުކަމުގެ މަޤާމަށް އަންހެނަކު އިސްކުރުމާމެދު އުފެދިފައިވާ ބަހުސާއިގުޅިގެން އެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ފަނޑިޔާރުކަމަށް އަންހެނަކު އިސްކުރުމުގެ މައްސަލައަކީ އިސްލާމީ ފިޤުހުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މައްސަލައެއްކަމަށެވެ. މި މައްސަލައާއި ގުޅިގެން އެޕާޓީގެ އިލްމުވެރިންގެ ނިންމުން ހާމަކޮށް އަދާލަތު ޕާޓީން ބުނީ، އުންމަތުގެ ބޮޑެތި ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކުގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމާއި އަދަބުވެރިކަމާއެކު މުޢާމަލާތް ކުރަންޖެހޭކަމަށް އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ދެކޭ ކަމަށެވެ. އަދި އެ މައްސަލައިގައި އިސްލާމީ ފިޤުހުވެރިންނާއި އިސްލާމީ ޤައުމުތަކުގެ އެކިއެކި މުއައްސަސާތަކުން ނެރެފައިވާ ރަސްމީ އަދި ޢިލްމީ ރައުޔުތަކަށް ބަލާއިރު މައިގަނޑު 3 ރައުޔެއް ޢިލްމުވެރިން ގެންގުޅުއްވާކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ފަނޑިޔާރުކަމަށް އަންހެނަކު އައްޔަންކުރުމަކީ ހުއްދަނޫން ކަމާއި، ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގައި ފަނޑިޔާރުކަމަށް އަންހެނަކު ޢައްޔަންކުރެވޭނެކަމަށް ބުނާ ރައުޔަކާއި، ފަނޑިޔާރުކަމަށް އަންހެނަކު ޢައްޔަންކުރުމަކީ މުޠުލަޤުކޮށް ހުއްދަކަމެއްކަމަށް ބުނާ ރަޢުޔެއް ކަމަށެވެ. އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބުނީ، އެ ރަޢުޔުތަކަށްބަލައި އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބުރަވަނީ ފަނޑިޔާކަމަށް އަންހެނަކު ޢައްޔަންކުރުމަކީ ހުއްދަނޫން ކަމެއްކަމަށް ބުނާ ރަޢުޔުކަމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރަށް އަދާލަތުޕާޓީގެ ބަޔާނުގައި ބުނެފައިވަނީ އުންމަތުގެ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާ އެފަދަ މައްސަލަތަކުގައި އާންމުންނާއި، ޢިލްމުވެރިން ޢަމަލުކުރަންޖެހޭގޮތް މިއުންމަތުގެ ޢިލްމުވެރިންނާއި އިމާމުންގެ ކިބައި ފެނިފައިވާކަމަށެވެ.

އެހެންކަމުން ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެ މުއުތަބަރު ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި، އެމީހަކަށް ބުރަވެވޭ ރައުޔު އެއީ އެމައްސަލައިގައި އޮތް ހަމައެކަނި ރައުޔުކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އަދި ތިމާ ގަބޫލުނުކުރާ ރައުޔަކަށް ތާއީދުކުރާ ފަރާތަކީ ދީނުގައި ނުވަތަ އަޤީދާގައި އުނި ފަރާތެއްކަމަށް، ނުވަތަ މަގުފުރެދިފައިވާ ފަރާތެއްކަމަށް، ނުވަތަ އިސްލާމީ ޝަރީޢަތަށް ގޮންޖަހާ ފަރާތެއްކަމަށް، އަދި ޝަރީޢަތަށް ކާފަރުވެފައިވާ ފަރާތެއްކަމަށް ނުބުނެވޭނެކަމަށެވެ. އަދި އެފަދަ ޚިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިޚްތިޔާރުކުރާ މީހާ އޭނާއަށް އިޚްތިޔާރުކުރެވުނީ އެކަމުގައި އޮތް ގޯސް ރައުޔުކަމުގައި ވީނަމަވެސް ފާފަވެރި ނުވާނެކަމަށެވެ.

އެހެން ކަމުން އިސްލާމީ ޝަރީޢަތަކީ ﷲ ސުބްހާނަޙޫ ވަތަޢާލާގެ ޙަޟްރަތުން ބާއްވައިލެއްވި އިލާހީ ޝަރީޢަތް ކަމަށްވާއިރު، އެ ޝަރީޢަތުގައި ވާ ކަންކަމަކީ މީސްތަކުންގެ ހަވާ ނަފްސު ރުހޭގޮތަށް، ނުވަތަ ވަކި ޒަމާނެއްގައި މީސްތަކުންގެ މެދުގައި މަޤްބޫލުވާގޮތަށް، ނުވަތަ ވަކި މަކާނެއްގެ މީހުން ހިތްރުހޭ ގޮތަށް ހުންނަން ޖެހޭނެ ކަންކަން ނޫންކަމަށް ވަނީ ބުނެފައެވެ.