އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ރައީސް ޓަކިހިކޯ ނަކާއޯ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ އޭޑީބީގެ ރައީސަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ނަކާއޯ ރޭ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ނަކާއޯ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ.

ނަކާއޯގެ މި ދަތުރުފުޅުގައި އޭޑީބީގެ އެހީގައި މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ސަރުކާރުގެ ކަމާ ގުޅޭ ބޭފުޅުންނާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އޭޑީބީގެ ރައީސާއި ފިނޭންސް މިނިސްޓަރު އަމީރު ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ނަކާއޯގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގަނަވާންނީ މާދަމާގެ ވަގުތެއްގަ އެވެ.