"އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް"ގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމަށް ލޯ މެޑަލް ލިބިއްޖެ އެވެ.

ޗައިނާގައި ކުރިއަށް ދިޔަ ކަލިނަރީ ވޯލްޑް ކަޕްގައި ދިވެހި ޝެފުންގެ ޓީމެއް ބައިވެރިވެފައިވަނީ ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. މިޓީމުގައި ހިމެނެނީ 6 ޝެފުންނާއި މެނޭޖަރެއް ހިމެނޭ ގޮތަށް 7 މެމްބަރުންނެވެ.

ޝެފް ގިލްޑް އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތުގައި 24 ޓީމަކުން 300 ޝެފުން ވާދަކޮށްފައިވާ ކަމަށެވެ.

މިމަހުގެ 21 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝެންޔަންގްގައި ބޭއްވި މި މުބާރާތުގައި ބައިވެރިވި ދިވެހި ޓީމުގެ މެނޭޖަރަކީ ޕެރަޑައިސް އައިލެންޑު ރިސޯޓުގެ އެގްޒެކްޓިވް ޝެފު އިސްހާގު ސޯލިހެވެ. ޓީމުގެ ކެޕްޓަން އޮއިޝީގެ އޯނަރު ޝެފް އަހްމަދު ފަތީންގެ އިތުރުން ޓީމުގައި ހިމެނޭ އެހެން ޝެފުންނަކީ ކަލިނަރީ ކޮންސަލްޓެންޓެއް ކަމަށްވާ ޝެފް އިބްރާހިމް ނައީމް، ފާރަފުށި މޯލްޑިވްސްގައި މަސައްކަތްކުރާ ޝެފް މުހައްމަދު އާދިލް ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައި މަސައްކަތްކުރާ ޝެފް އަހްމަދު މާޒިމްއާއި، މަލަހިނި ކުޑަ ބަނޑޮސްގައި މަސައްކަތްކުރާ ޝެފް ރިއްފަތު މުހައްމަދާއި، ބަރޮސް މޯލްޑިވްސްގެ ޝެފް އިބްރާހިމް ނާތިފް އެވެ.

މި ޓީމުން ތައްޔާރުކުރީ 4 ކޯސް މެނޫއަކަށް، ކޮންމެ ކޯހަކަށް 30 ޕުލޭޓް ހިމެނޭ ގޮތަށް 120 ޑިޝްއެވެ.

ޗައިނީޒް ކުއިޒީން ވޯލްޑް ޗެމްޕިއަންޝިޕަކީ 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމްކުރަނީ ޗައިނާ ކުއިޒީން އެސޯސިއޭޝަންގެ ފަރާތުންނެވެ.

މި މުބާރާތަކީ ޗައިނާގެ ރަހަތަކަށް ހާއްސަކޮށްގެން ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން ވޯލްޑް އެސޯސިއޭޝަން އޮފް ޝެފް ސޮސައިޓީން ގަބޫލުކުރާ ހަމައެކަނި މުބާރާތެކެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޗައިނާގެ ކެއުންތައް ޕްރޮމޯޓްކުރުމެވެ. ޝެފް އިސްހާގަކީ މިމުބާރާތުގައި އެންމެ ފުރަތަމަ ބީ ލައިސަންސް ލިބުނު ދިވެހި ޖަޖެވެ. މިއީ ފުޑް އިންޑަސްޓްރީގައި ދިވެހި ޝެފުންނަށް ކުރިއެރުން ލިބެމުން އަންނަކަމުގެ ރަމްޒެއް ކަމަށްވެސް ޝެފް ގިލްޑް އޮފް މޯލްޑިވްސްއިން ބުނެ އެވެ.

ދިވެހި ޝެފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ވަނީ މީގެ ކުރިންގެ ބައިނަލްއަގްވާމީ ކެއްކުމުގެ ގިނަ މުބާރާތްތަކެއްގައި ދިވެހި ޝެފުން ބައިވެރިކޮށް، ފަހުރުވެރި ކާމިޔާބީތަކެއްވެސް ހާސިލްކޮށްފަ އެވެ.