ފަންނު އެކްސްޕޯ 2019 ގައި ބައިވެރިކުރާ ހުށައެޅުންތަކުގެ ތެރެއިން އެންމެ މޮޅު ފަސް ހުށަހެޅުމަށް ފަސް މިލިއަން ރުފިޔާގެ ލޯނު ދޭން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފަންނު އެކްސްޕޯގައި ބައިވެރިކޮށްފައިވާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފުރިހަމަ ފަސް ހުށަހެޅުމެއް ހޮވައި އޭގެ ތެރެއިން ކޮންމެ ފަރާތަކަށް އެފަރާތުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އެއް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރިހަމަ ފަސް ހުށަހެޅުމަށް ޖުމްލަ ފަސް މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެކްސްޕޯގައި ފާހަގަކޮށްލެވޭ ތަކެތި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑިއުޓީ ފްރީގައި ހުޅުވުމަށް ހަމަޖެހިފައިވާ ސުވެނިއާ ފިހާރައިގައި ވިއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

ފަންނު އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިގްތިސޯދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. މީގެއިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމުކޮށްދީ، ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ވެސް މި އެކްސްޕޯ ބޭއްވުމުގެ މަގުސަދެއް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި މި ފަހަރު ތަކެތި ދައްކާލުމަށް ހަމަޖެހިފައިވަނީ އަތޮޅުތަަަަކުން ލިބޭ، އަތޮޅުތަކަށް ހާއްސަ ތަކެތި އެއްތަނަކުން ލިބޭނެ ގޮތަކަށެވެ. މި ގޮތަށް ތަކެތި ދައްކާލުމުގެ ބޭނުމަކީ ތަކެތި ގަންނަން އަންނަ ފަރާތްތަކަށް ހާއްސަކޮށް، ފަތުރުވެރިންނަށް އެ ތަކެތި ލިބޭނެ ތަންތަނާއި ރާއްޖޭގެ އަތޮޅުތައް ފަސޭހަ އިން އެނގޭނެ ގޮތް ހެދުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މި އަހަރުގެ ފަންނު އެކްސްޕޯގައި ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ތަކެތި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މީގެތެރޭގައި އާ މެޝިނަރީޒް އާއި ރޮބޮޓިކްސް ފަދަ އުފެއްދުންތަކާއި އެޕްލިކޭޝަންތައް ވެސް ހިމެނެ އެވެ.

އަންނަ ނޮވެމްބަރު 22 އިން 28ގެ ނިޔަލަށް ދަރުބާރުގޭގެ އިތުރުން ކަލާފާނު ސްކޫލާއި ކުޑަކުދިންގެ ޕާކުގައި ބާއްވާ މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މި އެކްސްޕޯގައި 77 ކެޓެގަރީއަކުން އުފެއްދުންތައް ބައިވެރިކުރެވެ އެވެ.