ފަސްވަނަ ވޯލްޑް ޓޫރިޒަމް ކޮންފަރެންސް މެލޭޝިއާގައި ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވާ ވޯލްޑް ޓޫރިޒަމް ކޮންފަރެންސް ފައްޓަވައިދެއްވީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދެވެ.

ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯގެ ދައުވަތަކަށް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާ މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރާ ތަސައްވުރާއި މިކަން ހާސިލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީކުރުމުގެ މަގުސަދުގައި، މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމައްދީން ކެޓާޕިއާ އެކު މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިމަހުގެ 26 އިން 28 އަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ ޝިއާރަކީ ބިޔޯންޑް ޓޫރިޒަމް ބިޔޯންޑް އެކްސްޕެކްޓޭޝަންސް އެވެ.

މިނިސްޓަރުގެ ދަތުރުފުޅުޅައި މެލޭޝިއާގެ ލިމްކޮކްވިން ޔުނިވާސިޓީގެ ދައުވަތަކަށް، އެ ޔުނިވާސިޓީގެ ރައީސްއާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިބައްދަލުވުމުގައި މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށްޓަކައި ލިމްކޮކްވިން ޔުނިވާސިޓީން ފުރުސަތު ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މެލޭޝިއާއަކީ އާސިއާންގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މެލޭޝިއާއިން 11،256 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.