ސަޕްލިމެންޓްރި ބަޖެޓުން 52.4 މިލިއަން ރުފިޔާ ހަރަދުކުރާނީ ކަރަންޓާއި، ވައިގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓްގެ ތަފްސީލް ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ބަޖެޓްގައި ރެވެނިއު ލޮސްގެ ގޮތުގައި އެމްޑަބްލިޔުއެސްސީއަށް ދޭ 130 މިިލިއަން ރުފިޔާ އާއި، އެތެރޭގެ ވައިގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް އައިލޭންޑް އޭވިއޭޝަނަށް ދޭ 35 މިލިއަން ރުފިޔާ އާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަރަންޓުގެ އަގުހެޔޮކުރުމަށް ދޭ 24.4 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

މީގެއިތުރުން ސަޕްލިމެންޓަރީ ބަޖެޓުން 350 މިލިއަން ރުފިޔާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް ކެޕިޓަލް ދޫކުރުމަށް ދޭ ފައިސާގެ ގޮތުގައި ހިމަނާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ. އެސްޑީއެފްސީއަށް ފައިސާ ދޫކުރުމުގެ ބޭނުމަކީ ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދީ ކުރިއެރުވުމުގައި ދިވެހި ވިޔަފާރިތަކުގެ ހިއްސާ އިތުރު ކުރުން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާއިރު، މިއަހަރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ސަރުކާރުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ނިމިދިޔަ ސަރުކާރުން އެކުލަވާލި އެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިސަރުކާރުން ބޭނުންވާ ބައެއް ބަދަލުތައް ގެނައުމަށްފަހު އެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި މިވަނީ ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޚަރަދުތައް ބޮޑުވެ ޚަރަދުތައް ދެކޮޅު ޖައްސާނެ ގޮތެއް ހޯދުމަށް ކަމަށް ބުނެ އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ. ނަމަވެސް ސަރުކާރުން ބުނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ދައުލަތުން ބަދަލުގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ދައްކަންޖެހިފައިވާތީއާއި ބޭރު ގައުމުތަކުން ލިބުނު އެހީތަކާ އެކު ބަޖެޓު މެނޭޖުކޮށް ބައެއް މަޝްރޫއުތައް ފެށުމަށް ކަމަށެވެ.