އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކިހިކޯ ނަކާއޯ ސްޓެލްކޯއަށް ޒިޔާރާތް ކުރައްވައިފިއެވެ.

ނަކާއޯ ރާއްޖެއަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅުގައި ސްޓެލްކޯއަށް ޒިޔާރާތް ކުރައްވާފައި މިވަނީ، އޭޑީބީއާ ސްޓެލްކޯއާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތައް ބައްލަވާލެއްވުމަށެވެ.

މި ޒިޔާރަތުގައި، ސްޓެލްކޯއިން ކުރިއަށް އޮތް ތަނުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮޖެކްޓުތައް ނަކާއޯ އާއި ހިއްސާކޮށްފައި ވެއެވެ. އެގޮތުން ކުރިއަށް އޮތް ފަސްއަހަރު ނިމޭއިރު 50 އިންސައްތަ ސޯލާ ޕެނަލް އިތުރުކުރުމާއި ހުރިހާ ރަށެއްގައި ގާއިމްކޮށްފަވާ ސްޓެލްކޯ ސިސްޓަމްތައް އެއް ވިއުގައަކުން ގުޅާކުން ހިމެނެއެވެ.

މީގެއިތުރުން ސްޓެލްކޯއިން ކުރިޔަށް ގެންދިމުަށް ނިންމާފައިވާ ވޭސްޓް ހީޓް ބޭނުންކޮށްގެން ފެން އުފެއްދުމުގެ މަޝްރޫއާއި އުފައްދާ ހަކަތަ ސްޓޯކުރާ ނިޒާމުގެ މަޝްރޫއުގެ މައުލޫމާތުތައްވެސް ވަނީ ނަކާއޯ އާއި ހިއްސާކޮށްފައެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން އެއްބާރަލުން ދޭނެކަމަށް އޭޑީބީގެ ނަކާއޯ ވަނީ ވިދާޅުވެފައެވެ.

1988 އިން ފެށިގެން އޭޑީބީ އިން އަންނަނީ ސްޓެލްކޯގެ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.