ދިވެހި މިޔުޒިޝަނަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް އިލްކެޓްރިކް ސްޓްރިންގް އިންސްޓްރުމެންޓަލް މިޔުޒިކަށް ދުނިޔެއަށް މަޝްހޫރު ޔޫރަޕްގެ ގްރޫޕެއްގެ މެމްބަރުން ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެ އައިސްފައިވަނީ ރޮމޭނިޔާގެ އެމެޑިއުޒް މިޔުޒިކް ގްރޫޕްގެ ހަތަރު އަންހެން ފަންނާނުންނެވެ.

މި ހަތަރު އާޓިސްޓުން ރާއްޖޭގައި ޖުމްލް ހަތަރު ދުވަސް ހޭދަކުރާނެ އެވެ. އަދި މިހަތަރު ދުވަހުގެ ތެރޭގައި ދެ މިޔުޒިކް ވީޑިއޯއެއް ޝޫޓް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. މި ވީޑިއޯތައް ޝޫޓް ކުރުމަށް ހަމަޖައްސާފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ދެ ރިސޯޓެއްގަ އެވެ.

އެމެޑިއުޒް ގްރޫޕަށް ބަލާލާއިރު، މިއީ ކްލެސިކަލް ކްރޮސް އޯވަރ ޖޯންރާގައި މުޅި ދުނިޔެއަށްވެސް މަޝްހޫރު ގްރޫޕެކެވެ. މި މިޔުޒިކް ގްރޫޕުން ވަނީ މިހާތަނަށް ޖުމްލަ ފަސް އަލްބަމެއް ނެރެފައެވެ. އަދި މިހާރުވެސް އިތުރު އަލްބަމެއް ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 40 އެއްހާ ގައުމުގައި އެމެޑިއުޒް ވަނީ ޕަރފޯމް ކޮށްފައެވެ. މިގްރޫޕުން މީގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުގެ ފަންނާނުންނާއެކު ވަނީ ޕަރފޯމް ކޮށްފައެވެ. އޭގެތެރޭގައި ޕްރިޔަންކާ ޗޯޕްރާ، ލާރާ ފެބިއަން، ޕުސީކެޓް ޑޯލްްސް ފަދަ އާޓިސްޓުންނާއި ބޭންޑުތައް ހިމެނެއެވެ.