ރާއްޖޭގައި މިހާރުވެސް ރިސޯޓު ހިންގަމުން އަންނަ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި އިތުރު ދެ ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެޓްމޯސްފިއާ ހޮޓެލްސްއިން ރާއްޖޭގައި އަލަށް ހުޅުވުމުގެ މަސައްކަތް ކުރަމުން ގެންދަނީ "އޮބްލޫ އެކްސް" އާއި "އޮބްލޫ"ގެ ނަމުގައި ތަރައްގީކުރާ ރިސޯޓު ތަކެކެވެ. މާލެ އަތޮޅުގައި ހުޅުވާ "އޮބްލޫ އެކްސް" ރިސޯޓުގައި 350 ކޮޓަރި ހުންނައިރު ބ. އަތޮޅުގައި ހުޅުވާ "އޮބްލޫ" ގައި 220 ކޮޓަރި ހަދަން ވަނީ ނިންމާފަ އެވެ.

މި ދެ ރިސޯޓު ވެސް އަންނަ އަހަރު ހުޅުވާނެ ކަމަށް އެ އެޓްމޯސްފިއާ ހޮޓެލްސްއިން ބުނެ އެވެ.

މާލެ އަތޮޅުގައި އޮކްޓޫބަރު މަހު ހުޅުވުމަށް ތައްޔާރުވަމުންދާ "ވަރު ބައި އެޓްމޮސްފިއާ ރިސޯޓް" އަކީވެސް އެޓްމޯސްފިއާ ހޮޓެލްސްއިން ރާއްޖޭގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

ފަސް ތަރީގެ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 40 މިނެޓުގެ ރާސްތާއެއްގައި ދެވޭނެ އެވެ.

ވަރު ބައި އެޓްމޮސްފިއާ ރިސޯޓްގައި 39 ބީޗް ކޮޓަރި އާއި 69 މޫދު ކޮޓަރި ހިމެނޭ ގޮތަށް ޖުމުލަ 108 ކޮޓަރި ހުރެ އެވެ.

އެޓްމޮސްފިއާ ހޮޓެލްސް ކުންފުނިން ރާއްޖޭގައި މިހާރުވެސް ގެންދަނީ ހަތަރު ރިސޯޓެއް ހިންގަމުންނެވެ. އެއީ މާލެ އަތޮޅުގައި ހިންގާ އޮޒެން ބައި އެޓްމޮސްފިއާ އެޓް މާދޫ އާއި، އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި ރިސޯޓާއި، އޮބްލޫ ސިލެކްޓް އެޓް ސަންގެލި އާއި ޅ. އަތޮޅުގައި ހިންގަމުން އަންނަ އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް އެވެ.

އެޓްމޮސްފިއާ ހޮޓެލްސްއިން ބުނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާގައި ވެސް އެކުންފުނީގެ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.