މޯލްޑިވްސް އިންޑަސްޓްރީއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މަސް ފެކްޓަރީގައި 12 އަހަރަށް ފަހު ރެކޯޑް އަދަދަކަށް މަސް ބަންދުކޮށްފި އެވެ.

މިފްކޯއިން ބުނީ އެކުންފުނީގެ މަސް ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަމުންގެ ބުރަ މަސައްކަތުން އިއްޔެ 60 ޓަނުގެ ދަޅު މަސް ބަންދު ކުރެވިފައިވާ ކަމަށެވެ.

މިފްކޯއިން ބުނި ގޮތުގައި 60 ޓަނަށް ވުރެ އިތުރަށް މީގެކުރިން މަސް ބަންދުކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ. އެއަހަރު 65 ޓަނުގެ މަސް ބަންދުކޮށްފައިވާ ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ. އެހެންކަމުން މިމަހުގެ 25 ވަނަ ދުވަހު 60 ޓަނުގެ މަސް ބަންދުކުރެވިގެން ދިޔުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިފްކޯ އިން ދެކެ އެވެ. މިކަމުން ހާމަވަނީ މިފަދަ ބޮޑެތި ކާމިޔާބީތައް ކުރިއަށް އޮތް ތަނުގައިވެސް ހާސިލްކުރެވެގެންދާނެ ކަން ކަމުގައިވެސް ބުނެފައިވެ އެވެ.

ފެލިވަރުގައި ހޯމަ ދުވަހު ވަނީ 4،888 ކޭސް މަސް ދަޅު ބަންދުކޮށްފަ އެވެ. މީގެ ތޭގައި ހިމެނެނީ 3،946 ކޭސް ތެޔޮ މަސް ކުދި ދަޅާއި، 1.8 ކިލޯގެ ބޮޑެތި ދަޅުގެ 46 ކޭސް އަދި ޔޫރަޕާއި ރާއްޖޭގެ މާކެޓުގައި މަގުބޫލުކަން ހޯދާފައިވާ ޕެކެޓު މަސް (ޕައުޗް)ގެ 196 ކޭހެވެ.

މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުން މިފްކޯގެ އެސެޓްތަކުގެ ތެރެއިން ހަމައެކަނި ފައިދާވާ ތަނަކީ ފެލިވަރުގެ މަސް ފެކްޓަރީ އެވެ. އެ މަނިކުފާނު ވިދާޅުވީ، މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެއީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް މި އަހަރު ނިމުމުގެ ކުރިން ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ.

ޅ. ފެލިވަރުގައި މަސް ފެކްޓްރީ ރަސްމީކޮށް ހުޅުވައި މަސް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ 3 ފެބްރުއަރީ 1978 ވަނަ އަހަރު އެވެ. ފެލިވަރަށް 41 އަހަރު ފުރިފައިވާއިރު، ކުރިން 15 ޓަނުގެ ދަޅު މަސް ބަންދު ކުރާ ކާރުހާނާގެ ކެޕޭސިޓީ މިހާރު ވަނީ 50 މެޓްރިކް ޓަނަށް މަތިކޮށްފަ އެވެ.