10 ރުފިޔާ އާއި 100 ރުފިޔާގެ އައު ޗާޕެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހު އަލުން ޗާޕުކޮށްގެން ރާއްޖެއަށް ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް ނެރެފައިވާ ކަމަށެވެ.

މި ނޫޓުތައް ނެރެފައިވަނީ ސޮޔާއި ތާރީހަށް ބަދަލުތަކެއް ގެނައުމަށްފަހު އެވެ. އެގޮތުން އަލަށް އާންމުކޮށްފައިވާ ނޫޓުތަކުގައި ސޮއި ކުރައްވާފައިވަނީ އެންމެ ފަހުން ގަވަރަނަރަކަށް ހުންނެވި އަހްމަދު ނަސީރެވެ.

މީގެއިތުރުން އާ ޗާޕުގައި މީލާދީ ތާރީހުގެ ގޮތުގައި ޖަހާފައިވަނީ 10 މާރިޗު 2018 އެވެ. އަދި ހިޖުރީ ތާރީހުގެ ގޮތުގައި ޖަހާފައިވަނީ 22 ޖުމާދަލްއާޚިރާ 1439 އެވެ.

އަލަށް ނެރުނު 10 ރުފިޔާއާއި 100 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އެމްއެމްއޭއިން ވަނީ ކުރިން ބޭނުން ކުރަމުން އައި ނޫޓުތައް އުވާލާ ރަންދިހަ ފަހެއްގެ އާ ނޫޓް ސީރީޒް ތައާރަފުކޮށްފަ އެވެ.

މިނޫޓްތައް ހަދާފައިވަނީ ސެކިއުރިޓީ ފީޗާސްތައް ވަރަށް ވަރުގަދަކޮށް ޕޮލިމާ ކަރުދާހުގަ އެވެ.

ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.