ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން އިންތިހާބުތަކާ ބެހޭ މަރުކަޒު، ބާޖަމާލުއްދީން ސުކޫލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައި ވަނީ އަންނަ އަަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށާއި އިންތިހާބު ބާއްވާނެ ވަކި ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ނިމިގެން ކައުންސިލް އިންތިހާބު ތަކަށް ވުރެ އިންތިޒާމުތައް ރަނގަޅު އިންތިހާބަކަށް ވާނެ ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އެއްފޮއްޓަކަށް ވޯޓް ލެވޭ އެންމެ ގިނަ އަދަދަކީ 700 މީހުން ކަމުގައި ހަމަޖައްސާފައިވާނެ ކަމަށާއި، އޭގެ ސަބަބުން 178 ވޯޓް ފޮށި އިތުރުވެގެންދާއިރު އޮފިޝަލުންގެ އަދަދުވެސް 7000 އަށް އިތުރުވެގެން ދާނެ ކަމަށެވެ. މިފަހަރުގެ އިންތިހާބުގެ ބަޖެޓް ކުރިއަށް ވުރެ ބޮޑުވެގެން ދާނެ ކަމަށައީ އެގޮތުން އިންތިހާބަށް ގާތްގަޑަކަށް 65 މިލިއަނާއި 70 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. ބަޖެޓް ހޯދަން ފިނޭންސް މިނިސްޓްރީއަށް މިހާރު ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭގޮތުން ވަރަށް އަވަހަށް ސިޔާސީ ޕާޓީތަކާއެކު ވެސް މަސްވަރާތައް ފަށާނެ ކަން ހާމަކުރައްވާ ޝަރީފް ވިދާޅުވީ، މިއިންތިހާބަކީ ކުރިމަގުގައި ވަރަށް ބޮޑަށް އިސްލާހުވެގެންދާ ލާމަރުކަޒީ ގާނޫނަށް ވަރަށް ބޮޑަށް ބިނާވެގެންވާ އިންތިހާބަކަށް ވާނެ އިންތިހާބެއް ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މަޖިލީހަށް ސިޓީއެއްވެސް ފޮނުވާފައި ވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓް ލުމަށް ހަމަޖެހިފައި ވަނީ ނިމި ދިޔަ ދެ އިންތިހާބުގައި ވެސް ވޯޓްލީ ގޮތައް ކަރުދާހުގައި ފާހަގަ ޖަހާގެން ކަމަށެވެ. އަދި އިންތިހާބުގައި ވޯޓް ފޮށިތައް ބައްހައްޓާނެ ގައުމުތައް ވެސް ފަހުން އިއުލާން ކުރާނެ ކަމަށާއި އަދި މޮނިޓަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ފޯނާއި، އައިޕެޑާއި ވޯޓާސް ލިސްޓްފަދަ ދަތެކި އިންތިހާބު އޮންނަ މަރުކަޒަށް ވެއްދޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް ވަނީ ނިންމާފައި ކަމަށް ޝަރީފް ވިދާޅުވި އެވެ.