ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔެލަންޓް އެކްސްޓްރީމިޒަމް" އެކުލަވާލުވުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދާ މި ބައްދަލުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނީ، މި އެކްޝަން ޕްލޭންގެ މަސައްކަތަކީ 2018 މެއިގައި ފެށިގެން ކުރިއަށްދާ މަސައްކަތެއް ކަމަށާއި އެގޮތުން މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ގެންދެވިފައިވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.

އަދި އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއި އެކުގައި ކަމަށާއި އެގޮތުން ކޮންމެ މަރުހަލާއެއްވެސް ކުރިއަށް ގެންދެވިފައިވާނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން އެންޖީއޯތަކާވެސް މަޝްވަރާކުރެވިގެން ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މައުލޫމާތު ދެއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނީ، އެސެންޓަރުގެ އަމާޒަކީ މިހާރު ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގެތެރެއިން ނޭޝަނަލް އެކްޝަން ޕްލޭނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސް، މި އަހަރުގެ ސެޕްޓެމްބަރު މަހު މި އެކްޝަން ޕްލޭން އިފްތިތާޙުކުރުން ކަމަށެވެ.

މިއަދު ބޭއްވި މިހަފްލާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް، މި ފަދަ އެކްޝަން ޕްލޭނެއްގައި މުޖުތަމަޢުގެ ބައިވެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އަދި ކަމާއިބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމުގެ މުހިއްމު ކަމަށާއި، ފިކުރީ ހައްދުފަހަކައަޅާ ދިޔުމާއި ޓެރަރިޒަމްއަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި، މުޖުތަމަޢު، އަދި ވަކިވަކި ފަރުދުން ޝާމިލްކޮށްގެން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަލުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރުގެ އިތުރުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަދި ސަލާމަތީ ޚިދުމަތް ތަކާބެހޭ ކޮމިޓީގެ މެމްބަރުން ވެސް ބައިވެރިވަޑައިގަތެވެ.