ސައުދި އަރަބިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވާ، އެ ތަނަކީ ސައުދި އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ދަށުން ހިނގަމުންދާ ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ސައުދި އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފެއްދީ އިއްޔެ ކަމަށެވެ. އަދި މި ކޮންސިއުލޭޓް އުފެއްދީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަމަށެވެ.

ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ރައީސް ސޯލިހް ހުޅުވީ ހައްޖާއި އުމްރާއަށްދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސައުދި އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ޖައްސަވާނެ ނަމްބަރެއް ކަމުގައި ހަމަޖައްސަވާފައި ވަނީ 481 އެވެ.