ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި އަލަށް ހުޅުވުމަށް ތައްޔާރުވެފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރިކުރަން ބިޑް ކުރަން 8 ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެތަނުގެ ހަތަރު ތަނެއް ކުޅިވަރު ސާމާނު ވިއްކާ ފިހާރަތަކަށް ހާއްސަ ކޮށްފައިވާއިރު ތިން ތަނެއް ހާއްސަ ކޮށްފައިވަނީ ރީޓެއިލް ވިޔަފާރި ކުރިއަށް ގެންދިއުމަށެވެ. އަދި ރެސްޓޯރަންޓް ނުވަތަ ކެފޭއެއް ހިންގުމަށް ހާއްސަ ކުރެވިފައިވަނީ އެއް ތަން ކަމަށްވެސް އެޗްޑީސީގެ އިއުލާންގައިވެ އެވެ.

އެޗްޑިސީން ބުނީ މި ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމަށް ތަންތަން ކުއްޔަށް ދިނުމަށް ހަމެޖެހިފައިވަނީ 10 އަހަރު ދުވަހަށް ކަމަށާއި މިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި މި ކޮމްޕްލެކްސް އިން ތަންތަން ހޯދުމަށް ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭނެ ކަމަށްވެސް އެޗްޑީސީގެ އިއުލާންގައިވެ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެސްގައި ވިޔަފާރިކުރުމަށް ހުޅުވާލާފައިވާ ތަންތަނުގެ ތެރެއިން ކެފޭ ހިންގުމަށް ދޫކުރާ ތަނުގެ ބޮޑު މިނުގައި 2400 އަކަފޫޓު ހުންނާނެ ކަމަށާއި އަދި ކުޅިވަރު ސާމާނު ވިއްކުމަށް ދޫކުރާ ތަންތަނުގައި 1300 އަކަފޫޓާއި 900 އަކަފޫޓުގެ އިތުރުން 650 އަކަފޫޓުގެ ތަންތަން ހުންނާނެ ކަމަށެވެ. އަދި ރީޓެއިލް ވިޔަފާރިއަށް ދޫކުރާ ތިން ތަނުގެ ތެރެއިން ކޮންމެ ތަނެއްގެ ބޮޑު މިނުގައި ވެސް 650 އަކަފޫޓު ހުންނާނެ ކަމަށްވެސް އިއުލާންގައިވެ އެވެ. އަދި މިހުރިހާ ތަނެއްވެސް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އަކަ ފޫޓެއް މަހަކު 30 ރުފިޔާގެ ރޭޓުން ކަމަށްވެސް އެޗްޑީސީގެ އިއުލާންގައިވެ އެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ މިކަމާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން އީމެއިލް ފޮނުވައިގެން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.