ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ވީއައިއެޗްއެސް)ގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

ވިލާ ކޮލެޖުގައި މިރޭ 8:30ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާ ޝަރަޕްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފް އެވެ.

ވީނިއުސް އަށް މައުލޫމާތު ހިއްސާކުރައްވަމުން ވީލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް ވިދާޅުވީ މިރޭގެ ޖަލްސާގައި މިދިޔަ އަހަރު އެސްކޫލުން އެންމެ ރަނގަޅު ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ޚާއްސަ އިނާމް ދިނުން އޮންނާނެ ކަމަށެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ބާނީ ގާސިމް އިބްރާހިމް ދެއްވާ ޚާއްސަ އިނާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝާނުންނާއި ވީއައިއެޗްއެސް އިން ދޭ ހާއްސަ އިނާމު ދިނުންވެސް މިޖަލްސާގައި އޮންނާނެ ކަމަށެވެ.

ޖުމްލަ 127 ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ލިބޭ މި ޖަލްސާގައި ތައުލީމީ ދާއިރާގެ އިސްބޭފުޅުންގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ އިސްވެރިންނާއި ދަރިވަރުން އަދި ބެލެނިވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ިވިލާ އިންޓަނޭޝަނަލް ހައި ސްކޫލަކީ މަތީ ސާނަވީ ފެންވަރަށް ކިޔަވައި ދިނުމަށް ޚާއްސަކޮށްގެން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ސުކޫލެވެ.