މަސްތުވާތަކެއްޗާ އެކު ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ހައްޔަރުކޮށްފި އެވެ.

މަލް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އަދ. މާމިގިލިންނެވެ.

މާމިގިލިން މަސްތުވާތަކެއްޗާ އެކު 23 އަހަރުގެ ދިވެހި ދެ އަންހެނުން ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މާމިގިލިން ފުލުހުންގެ ބެލުމުގެ ދަށަށް މަލް ގެންގޮސްފައިވާ ކަމަށް އެރަށުގެ ބައެއް މީހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ފުލުހުން ބުނީ މި ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރު 5:00 އެހާއިރު ކަމަށެވެ.

މާމިގިލީ ބަންދަރު ސަރަހައްދުން މި ދެ އަންހެނުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި މައްސަލަ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާއިރު މަލީހާއާއި ދެން ހައްޔަރުކުރި އަންހެން މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެނގިފައިވެ އެވެ.