ޓްވިޓަރއިން ބްލޮކް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޔުގާންޑާގެ ރައީސް ޔޮވޭރީ މުސެވޭނީއާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.

މި ދަޢުވާ ކޮށްފައިވަނީ އެމެރިކާގައި މަތީ ތަޢުލީމް ހާސިލްކުރަމުންދާ ޔުގާންޑާގެ ރައްޔިތެއް ކަމަށްވާ ހިލަރީ އެސްސެގޫޔާއެވެ. އެސްސެގޫޔާއަކީ، އެމެރިކާގެ ހާވަރޑް ޔުނިވަރސިޓީގައި މާސްޓަރސް ޑިގްރީ ހާސިލް ކުރަމުންދާ ދަރިވަރެކެވެ.

ޔުގާންޑާގެ ރައީސް މުސެވޭނީއާއި ދެކޮޅަށް ދަޢުވާ އުފުލާފައި މިވަނީ، އޭނާގެ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤަށް އަރައިގެންފައިވާތީ ކަމަށް އެސްސެގޫޔާ ބުންޏެވެ.

ރައީސް މުސެވޭނީގެ އިތުރުން، ޔުގާންޑާ ސަރުކާރުގެ އިސް ދެ އޮފިޝަލަކާއި ދެކޮޅަށްވެސް އެސްސެގޫޔާ ވަނީ ދަޢުވާ އުފުލާފައެވެ.

އެސްސެގޫޔާ ބުނީ، ޓްވިޓަރއިން އޭނާ ބްލޮކް ކޮށްފައި ވުމުގެ ސަބަބުން، ސަރުކާރާބެހޭ މުހިއްމު މަޢުލޫމާތުތަކެއް ހޯދުމަށް އޭނާއަށް ހުރަސްއެޅިފައިވާ ކަމަށާއި، ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔުމުގެ ހައްޤުން އޭނާ މިހާރު މަހުރޫމްވެފައިވާ ކަމަށް ޤަބޫލްކުރާ ކަމަށެވެ.

"ސަރުކާރުގެ ނިންމުންތަކާބެހޭ އެންމެ މުހިއްމު މަޢުލޫމާތު ހިއްސާ ކުރަނީ ރައީސް މުސެވޭނީގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް. ރައީސް އަހަރެން ބްލޮކް ކުރުމުން، އެ މަޢުލޫމާތުތައް ހޯދުމަށް އަހަރެންނަށް މިވަނީ ހުރަސްއެޅިފައި. މިއީ، އަހަރެންގެ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤަށް އަރައިގަތުން ކަމަށް އަހަރެން ޤަބޫލް ކުރަން،" އެސްސެގޫޔާ ބުންޏެވެ.

މިކަމަށް ރައްދުދެމުން ރައީސް މުސެވޭނީގެ އިސް މުޝީރެއް ކަމަށްވާ ޑޮން ވަންޔާމާ ބުނީ، ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާއި ބެހޭގޮތުން ސަރުކާރުން ވަކި އެއްޗެއް ހާމަކުރާން ބޭނުން ނުވާ ކަމަށެވެ. އަދި، މިކަމަށް ކޯޓުގައި ރައްދު ދޭން ޖެހިއްޖެނަމަ، އެކަމަށް ސަރުކާރުން ތައްޔާރު ކަމަށް އޭނާ ބުންޏެވެ.

"އެސްސެގޫޔާ ބްލޮކްކުރީ، ސަރުކާރަށް ރައްދުކޮށް އަޚްލާޤީ މިންގަނޑުތަކާއި ޚިލާފް ޓްވީޓްތައް ކުރާތީ. ސަރުކާރާބެހޭ މަޢުލޫމާތުތައް ޓްވިޓަރ ނޫން އެހެން ވަސީލަތްތައް މެދުވެރިކޮށްގެންވެސް ހޯދޭނެ،" މި ދަޢުވާއަށް ރައްދުދެމުން ޔުގާންޑާ ސަރުކާރުގެ ތަރުޖަމާނު އޮފްވޯނޯ އޮޕޮންޑޯ ބުންޏެވެ.

ނަމަވެސް، އެސްސެގޫޔާ ބުނީ، ރައީސް މުސެވެނީ އޭނާ ޓްވިޓަރއިން ބްލޮކް ކޮށްފައިވަނީ ސަރުކާރަށް ފާޑުކިޔާތީ ކަމަށެވެ. އެގޮތުން، މިދިޔަ އޭޕްރިލްމަހު، މުސެވޭނީއަކީ ޚުދުމުހުތާރު ވެރިކަމެއް ކުރާ މީހެއް ކަމަށް ތުހުމަތުކޮށް ޓްވީޓްކޮށްފައި ވާނެ ކަމަށާއި، ބްލޮކް ކޮޮށްފައިވަނީ އެ ޓްވީޓްތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެސްސެގޫޔާ ބުންޏެވެ.

މީގެ އިތުރުން އޭނާވަނީ، ޔުގާންޑާގެ ރިޔާސަތާއި ހަވާލުވާން، ޓްވިޓަރ މެދުވެރިކޮށް، ގާނާގެ ރައީސް ނާނާ އަކުފޯ-އާޑޯގެ އަރިހުންވެސް އެދިފައެވެ.