ވިލާތުގެ ހަތަރު ޤައުމެއްގައި ހަލުވިކަމާއިއެކު ހިމަބިހި ނުވަތަ "މީސްލްސް" ފެތުރެމުންދާ ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ހިމަބިހި ފެތުރުން އާންމުވުމާއިއެކު، މި ބަލީން ސަލާމަތްވެފައިވާ ކަމުގެ ދަރަޖަ އެ ޤައުމުތަކަށް މިހާރުވަނީ ގެއްލިފައެވެ. އެ ޤައުމުތަކަކީ، އަލްބޭނިއާ، ޗެކް ރިޕަބްލިކް ގްރީސް އަދި އިނގިރޭސި ވިލާތެވެ.

"ހިމަބިހިން ސަލާމަތްވުމަށް ކުރަމުންދިޔަ މަސައްކަތްތަކުގައި މިހާރު މިދަނީ ފަހަތަށް. މާނައަކީ، އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭ ވާހަކަ. އަދި، ނުރަނގަޅު މިސްރާބަކަށް މަސައްކަތްތައް ކުރެވެމުންދަނީ،" މިކަމާއިބެހޭ ގޮތުން ޑަބްލިޔުއެޗްއޯގެ އިމިއުނިޒޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ކޭޓް އޮބްރަޔަން ބުންޏެވެ.

ހިމަބިއްސަކީ ހުންއައުމާއިއެކު، ގައިގެ ހަމުގައި ކުދި ބިހިތަކެއް ނަގާ ނުރައްކާތެރި ބައްޔެކެވެ. މިއީ، ވަރަށް ފަސޭހައިން އެކަކުގައިން އަނެކަކު ގަޔަށް އަރާ ބައްޔަކަށް ވާއިރު، މިބަލި އެންމެ ގިނައިން ޖެހެނީ ކުޑަކުދީންނަށެވެ. މިއީ، އެމްއެމްއާރް ވެކްސިން ބޭނުންކޮށްގެން ނައްތައިލެވޭ ބައްޔަކަށްވާއިރު، އިނގިރޭސި ވިލާތަށް ބަލައިލާއިރު، އެމްއެމްއާރު ވެކްސިންއަކީ ހުރިހާ ކުޑަކުދީންނަށް ހިލޭ ޖަހައިދޭ ވެކްސިންއެކެވެ.

ޤައުމަކުން މި ބަލި މުޅީން ކޮންޓްރޯލް ކުރެވިފައިވާކަން ކަނޑައަޅަނީ، އެ ޤައުމެއްގައި މި ބަލީގެ އައު ކޭސްތަކެއް ނުފެނި 12 މަސް ފާއިތުވުމުންނެވެ.

"ފާހަގަކޮށްލާން ޖެހޭ ކަމަކީ، މި ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ ހަތަރު ޤައުމަކީވެސް ފުރިހަމަ ވެކްސިން ދިނުމުގެ ނިޒާމުތަކެއް ޤާއިމްކޮށްފައިވާ ޤައުމުތަކެއްކަން. ނަމަވެސް، ބަލި ފެތުރެމުންދަނީ، ވެކްސިން ދިނުމުގައި އިހުމާލުވުންތަކެއް އުޅޭތީ،" އޮބްރަޔަން ބުންޏެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް މި އަހަރުގެ ތެރޭގައި ހިމަބިހި ފެތުރުން އިތުރުވެފައިވާކަން ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ހާމަވެއެވެ: އެމެރިކާ ފިޔަވައެވެ. އެމެރިކާގައި އާންމު ގޮތެއްގައި މި ބަލީގެ އަސަރުތައް ފެންނަ މިންވަރު މަދުވެފައި ވީނަމަވެސް، ފާއިތުވި 25 އަހަރުގެ ތެރޭގައި މި ބަލީގެ އަސަރުތައް އެންމެ ގިނައިން ފެނިފައިވަނީ މި އަހަރުއެވެ.

މި އަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިމަބިހީގެ 365،000 ކޭސް ރެކޯޑް ކުރެވިފައިވާއިރު، މިއީ 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާ ބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. މިބަލި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދަނީ ކޮންގޯ، މަޑަގަސްކަރަ އަދި ޔޫކްރެއިންގައެވެ. ހިމަބިއްސަކީ ވަގުތުން ފަރުވާ ހޯދާން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.