އަރަބިއްޔާ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ "އަރަބިއްޔާ ފެއަރ 2019" ހުކުރު ދުވަހު ހަވީރު ފެށޭނެއެވެ.

ހުކުރު ދުވަހުން ފެށިގެން މިފެށޭ ސެޕްޓެމްބަރު މަހުގެ 4 ވާ ބުދަދުވަހުގެ ނިޔަލަށް ބާއްވާ މި ފެއަރ ކުރިއަށްދާނީ އަރަބިއްޔާ ސްކޫލްގައެވެ.

މިއީ، އަރަބިއްޔާ ސްކޫލުން މިފަދަ ފެއަރއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މިފެއަރގައި އާންމު މުދާ ވިއްކާ 50 ސްޓޯލްގެ އިތުރުން، ސްކޫލުން ހިންގާ 12 ސްޓޯލް ހުންނާނެ ކަމަށް، އަރަބިއްޔާއިން ބުނެއެވެ.

މިފެއަރގައި، ހެދުމާއި، ފައިވާނާއި ބޫޓާއި، ގަހަނާގެ އިތުރުން، އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ސްޓޯލްތަކާއި، މޮބައިލް ފޯނު ވިއްކާ ސްޓޯލްތައްވެސް ހުންނާނެއެވެ.

މީގެއިތުރުންވެސް ޕެޓްގެގޮތުގައި ގެންގުޅޭ ދޫނި ވިއްކާ ސްޓޯލްގެ އިތުރުން، ހަވީރުގެ ވަގުތުތަކުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ހިންގާ ކުޅިވަރު ސްޓޯލްތައްވެސް ހުންނާނޭ ކަމަށް، އަރަބިއްޔާ ސްކޫލުން ބުނެއެވެ.

ކުޑަކުދިންގެ ކުޅިވަރު ސްޓޯލްތަކަކީ، ކުޑަކުދިން ތަފާތު ކުޅިވަރުތަކުގައި ބައިވެރިގެން އިނާމާއި ހަދިޔާ ލިބޭގޮތަށް އަރަބިއްޔާއިން ގާއިމްކުރާ ސްޓޯލްތަކެކެވެ. މީގެއިތުރުން، ކުޑަކުދިންނަށް ޚާއްސަ ބިރުވެރި ހޮހަޅަވެސް ހުންނާނެ ކަމަށް އަރަބިއްޔާއިން ބުނެއެވެ.

އަދި ފެއަރއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކެންޓީނުވެސް ގާއިމްކުރެވިފައި ހުންނާނެ ކަމަށް، އަރަބިއްޔާ ސްކޫލުން ބުނެއެވެ.