މެޕްސް ކޮލެޖުގެ ކޯސްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ފަށައިފިއެވެ.

މެޕްސް ކޮލެޖުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ރެކްޓާ ފާތިމަތު ރަޝީދު ވިދާޅުވީ އުރީދޫގެ ސްމާޓް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މެޕްސްގެ ބައެއް ކޯސްތަކުން މަތީ ތައުލީމު ހާސިލުކުރެވޭނެ ކަމަށެވެ.

ފާތިމަތު ވިދާޅުވީ މަތީ ތައުލީމަށް މާލެ އައުމަކީ މާލީގޮތުން ހުރިހާ އެންމެނަށް ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންކަމުން ގިނަ ބައެއްގެ އެއްބާރުލުމާއެކު، މެޕްސް އިން މިހާރު ހިންގަމުންދާ ބައެއް ކޯސްތައް އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ކަމަށެވެ.

އޮންލައިންކޮށް ކިޔަވައިދޭ ދާއިރާތަކުގެ މައުލޫމާތު ދެއްވަމުން މެޕްސްގެ ޑީން އޮފް ޑިވެލޮޕްމަންޓް ނަޝްއާ ނަސީމް ވިދާޅުވީ އެ ކޯސްތަކަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޓޫރިޒަމް މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް ލޮޖިސްޓިކް އެންޑް ސަޕްލައިމޭންޓް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި އެކައުންޓިންގެ ދާއިރާގެ ޕްރޮގްރާމްތައް ކަމަށެވެ. ނަޝްއާ ވިދާޅުވީ މި ހުރިހާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީއާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭނެ ކަމަށެވެ.