އިސްރާއީލުގެ ކިބައިން ބަދަލު ހިފާނޭ ކަމަށް، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވައުދުވެއްޖެއެވެ.

ހިޒްބުﷲ އިން މިކަމަށް މި ވައުދުވީ، ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ޑްރޯންތަކެއް ފޮނުވައިގެން މިދިޔަ ހަފްތާގައި އިސްރާއީލުން ހަމަލާތައް ދޭން ކުރި މަސައްކަތްތަކާ ގުޅިގެންނެވެ.

ހިޒްބުﷲއިން ބުނެފައިވަނީ، އިސްރާއީލުން މަސައްކަތްކުރީ އޭގެ ޒާތުގައި އަމިއްލައަށް ހަލާކުވާ ޑްރޯންތަކެއް މެދުވެރިކޮށް ޖާނުން ގޮއްވާލައިގެން ހަމަލާތަކެއް ދިނުމަށް ކަމަށެވެ.

2006 ވަނަ އަހަރު ހިނގި ހަނގުރާމައިގެ ފަހުން އިސްރާއީލުން ލުބުނާނުގެ އެތެރޭގައި ހުންނަ ހިޒްބުﷲގެ މަގާމުތަކަށް ހަމަލާ ދީފައެއް ނުވެއެވެ.

އޭގެ ބަދަލުގައި އިސްރާއީލުން ފަހުން ކުރާން ފެށި ކަމަކީ، ސޫރިޔާގެ ތެރޭގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތައް ދިނުމާއި، ހިޒްބުﷲއަށް މަދަދުދޭ އީރާނު ސިފައިންނަށް ހަމަލާދިނުމެވެ.

އެހެންނަމަވެސް، މިދިޔަ ހަފްތާގައި ބެއިރޫތުގެ އަވަށަކަށްވަނީ އިސްރާއީލު ފޮނުވާލި ދެ ޑްރޯން ވެއްޓި، އަމިއްލައަށް ގޮވާފައެވެ. ހިޒްބުﷲއިން ބުނަނީ މިއީ، ސީދާ އެ ޖަމާއަތުގެ މަގާމުތަކަށް ދޭން އުޅުނު ހަމަލާއެއް ކަމަށެވެ.

ލުބުނާނުގެ ސަރުކާރުން މި މައްސަލާގައި ބުނެފައިވަނީ، މިއީ ލުބުނާނުގެ އިސްތިގްލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށް،، ލުބުނާނުގެ ރައީސް މިޝޭލް އައޫން ވިދާޅުވީ، މިއީ ލިބުނާނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ އިޢްލާން ކުރުން ކަމަށެވެ.

ލުބުނާނުގެ ސަލާމަތީ ކަންކަމާއި، އަސްކަރީ ކަންކަމުގައި ހިޒްބުﷲއިން އަމިއްލަ އަމިއްލައަށް ކަންކަން ނިންމާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ހިޒްބުﷲ އަބަދުވެސް ކުށްވެރި ކުރާއިރު، މިދިޔަ ހަފްތާގައި ލުބުނާނުގެ ވެރިރަށުގައި ޑްރޯންތަކެއް ގޮއްވާލި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ހިޒްބުﷲއާ އެއްކޮޅަށް އަރާފައެވެ.

ހިޒްބުﷲއިން ބުނެފައިވަނީ، އިސްރާއީލުގެ ކިބައިން ބަދަލުހިފަން ކުރާނޭ ކަންކަމުގެ މައުލޫމާތާއި، އެކަން ކުރާނޭ ވަގުތު އާންމުކޮށް ހިއްސާ ނުކުރާނޭ ކަމަށެވެ.

2006 ވަނަ އަހަރު އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހިނގި މަސްދުވަސްވީ ހަނގުރާމަ ނިމިގެންދިޔައީ، ހިޒްބުﷲއިން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރާލައި، އެތައްބަޔަކު ހައްޔަރު ކުރާން ފެށުމުންނެވެ. އެ ހަނގުރާމަ ހިނގާން މެދުވެރިވީ އިސްރާއީލުން ލުބުނާނުގެ ސަރަހައްދުގެ ތެރެއަށް ވަދެގަނެ ހަމަލާތައް ދޭން ފެށުމުންނެވެ.

ހިޒްބުﷲގެ އިންޒާރާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ، ހިޒްބުﷲއިން ކުރާ ކޮންމެ ކަމެއްގެ ޒިންމާ އުފުލާން ޖެހޭނީ ލުބުނާނުގެ ސަރުކާރުން ކަމަށެވެ. އެކަމަކު، ލުބުނާނުގެ ސިޔާސީ މައިދާނުގެ ހުރިހާ ކަމެއް މިހާރު ކޮންޓްރޯލް ކުރަނީ ހިޒްބުﷲއިންނެވެ.