ހޮންގްކޮންގައި މުޒާހަރާ މީހުންނާއި ސަލާމަތީ ބާރުތަކާ ދެމެދު އަނެއްކާވެސް މިއަދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

ކުރިމަތިލުން ފެށުނީ، މުޒާހަރާ ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރުމުންނެވެ.

އާންމުން މުޒާހަރާއަށް ނުކުތީ، މުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށެވެ.

މިއަދުގެ މުޒާހަރާއަށް އާންމުން ފުރަތަމަ އެއްވީ ހޮންގްކޮންގެ މެދުތެރޭގައި ހުންނަ ސްޕޯޓްސް ސްޓޭޑިއަމަކަށެވެ. އޭގެފަހުންވަނީ ރަށުތެރެއަށް ނުކުމެފައެވެ.

މުޒާހަރާގެ ބައިވެރިން މިސްރާބުޖެހީ، ހޮންގްކޮންގެ މެދުތެރޭގައި ވެން ޗައިގައި ހުންނަ ފުލުހުންގެ މައި މަރުކަޒާ ދިމާއަށެވެ.

މުޒާހަރާ ފުރަތަމަ ކުރިއަށް ދިޔައީ ސުލްހަވެރިކަމާ އެކުގައި ނަމަވެސް، މުޒާހަރާގެ ތެރޭގައި ހެލްމެޓާއި، ގޭސްމާސްކާއި، އެނޫންވެސް ރައްކާތެރި އަލާތްތައް ހިފައިގެންތިބި ޒުވާނުންގެ ބަޔަކު ހޮންގްކޮންގ ސަރުކާރުގެ މައި މަރުކަޒު ކުރިމަތީގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތަކުގައި އަލިފާން ރޯކޮށްލުމާ ގުޅިގެން ފުލުހުން އެމީހުން ހުއްޓުވީއެވެ.

ޒުވާނުންގެ ގްރޫޕުން މަސައްކަތްކުރީ، ބެރިކޭޑްތަކުގައި އަލިފާން ޖެހުމަށްފަހު އެ ސަރަހައްދަށް ވަދެގަތުމަށެވެ.

ނަމަވެސް، ރަޔަޓް ފުލުހުން އެމީހުންނާ ކުރިމަތިލައި، ފުލުހުންވަނީ މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ކަރުނަގޭހާއި، ޕްރެޝަރ ފެންހޮޅިން ހަމަލާ ދީފައެވެ.

ޒުވާނުންވަނީ ހޮންގްކޮންގެ ގާނޫނުހަދާ މަޖިލީސް އިމާރާތް ހުންނަ ގޯތިތެރެއަށް ޕެޓްރޯލް ބޮމާއި، އޮށްގަލުން ހަމަލާ ދީފައެވެ.

މިކަމުގެ ތެރޭގައި އާންމުންގެ އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޮންގްކޮންގ ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކަށް އަނެއްކާވެސް މިނުކުތީ، މުޒާހަރާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ވަރުގަދަ މަސައްކަތްތަކެއް ފަށާފައި ވަނިކޮށެވެ. އެގޮތުން، ފުލުހުން ގެންދަނީ މުޒަހަރާގެ އިސް ފަރާތްތައް ހައްޔަރުވެސް ކުރަމުންނެވެ.

ފުލުހުން ރޭގައިވަނީ، ހޮންގްކޮންގެ ގާނޫނުހަދާ މަޖިލީހުގެ ތިން މެމްބަރަކުވެސް ހައްޔަރު ކޮށްފައެވެ. އޭގެކުރިން، ސިޔާސީ މައިދާނުގެ އިސް އެތައް އެކްޓިވިސްޓުންވެސް ހައްޔަރު ކޮށްފައި ވެއެވެ.