އިންޑިއާގެ އުތުރުއިރުމަތީ އާސާމް ސްޓޭޓްގެ ރަށްވެހިކަމުގެ އެންމެފަހު ލިސްޓް މިއަދު އާންމު ކުރިއިރު، ދެމިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން އިންޑިއާގެ ރަށްވެހީންކަމުގެ ހައްގުން މަހްރޫމް ކޮށްފިއެވެ.

ޝަރުތު ހަމަ ނުވާކަމަށް ބުނެ، އާސާމް ސްޓޭޓްގެ ރަށްވެހިކަމުގެ ލިސްޓުން ދެމިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން ލިސްޓުން އުނިކުރި އިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

އާސާމް ސްޓޭޓުން އާންމުކުރި އެ ސްޓޭޓްގެ ނޭޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންސް ލިސްޓްގައި 31.1 މިލިއަން މީހުން ހިމެނޭއިރު، އެ ލިސްޓުން އުނިކޮށްފައިވަނީ 1.9 މިލިއަން މީހުންނެވެ.

މިކަމަކީ، އިންޑިއާއަށް ބޭރުން އަރާތިބި މީހުން ބޭރުކޮށްލުމަށް، އިންޑިއާގެ މައި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ. އަދި މި ކަމަކީ އިންޑިއާއާއި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ.

އާސާމް ސްޓޭޓުން 1.9 މިލިއަން މީހުންނަކީ އެ ސްޓޭޓްގެ ރައްޔިތުން ނޫންކަމަށް ކަނޑައެޅުމުން، އެ އެންމެން ވެގެން ގޮސްފައިވަނީ އެއްވެސް ގައުމަކަށް ނިސްބަތްނުވާ މީހުންނަށެވެ.

ރަށްވެހިކަމުގެ ލިސްޓް އާސާމް ސްޓޭޓުން މިއަދު އިޢްލާންކުރީ ސަލާމަތީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައެވެ. އެގޮތުން، ސްޓޭޓުން ބޭރުން އިތުރަށް ފުލުހުންގެ ފައުޖުތައް ގެނެސްފައި ވެއެވެ. އަދި ބައެއް ހިސާބުތަކުގައި އާންމު އެއްވުންތައް ބޭއްވުންވެސް މަނާކޮށްފައި ވެއެވެ.

އާސާމް ސްޓޭޓަށް ބޭރުންގޮސް އެންމެ ގިނައިން މީހުން ވަޒަންވެރި ވެފައިވަނީ އިނގިރޭސީންގެ އަތްދަށުގައި އިންޑިއާ އޮތް ދުވަސްވަރާއި، ބަނގްލަދޭޝްއިން މިނިވަން ކަމަށް 1971 ގައި ކުރި ހަނގުރާމައިގެ ދުވަސްވަރުއެވެ.

އާސާމް ސްޓޭޓުން އާންމުކުރި ރަށްވެހިކަމުގެ ލިސްޓްގައި ހިމަނާފައިވަނީ، 1971 ގެ ހަނގުރާމައިގެ ކުރިން އެ ސްޓޭޓްގައި އުޅުނު މީހުންނާއި އެމީހުންގެ ދަރީންނެވެ.

އާސާމް ސްޓޭޓްގައި ވެރިކަންކުރަނީ އިންޑިއާގެ މައި ސަރުކާރު ހިންގާ ބީޖޭޕީންނެވެ. އެހެންކަމުން، ނޭޝަނަލް ރެޖިސްޓަރ އޮފް ސިޓިޒަންސް ލިސްޓް އަލުން އެކުލަވާލުމުގައި ބީޖޭޕީން އިސްކަންދެނީ ހިންދޫންނަށް ކަމަށް، އެތައްބަޔަކު ބުނަމުން ގެންދެއެވެ. މިއީ، މުޅި އިންޑިއާ ހިންދޫކުރުމުގެ ރޭވުމެއް ކަމަށްވެސް ތުހުމަތު ކުރެއެވެ.

އިންޑިއާގެ ޕާލަމެންޓް ދަށުގެއިން މިއަހަރުގެ ޖެނުއަރީމަހު ފާސްކުރި ގާނޫނެއްގައި ބުނެފައިވަނީ، ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްޣާނިސްތާނުން އިންޑިއާއަށް ހިޖުރަކޮށްފައިވާތާ ހަ އަހަރުވެފައިވާ އެންމެނަށް އިންޑިއާގެ ރަށްވެހީންނަށް ވެވޭނޭ ކަމަށެވެ. ނަމަވެސް، އެއީ މުސްލިމުން ނޫންކަމުގައިވާނަމަ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

އިންޑިއާގެ އަބާދީގައި 170 މިލިއަން މުސްލިމުން ހިމެނޭއިރު، މިބާވަތުގެ އަމަލުތަކުގެ ސަބަބުން އިންޑިއާގެ މުސްލިމު އަބާދީގެ މުސްތަގްބަލާމެދު އެތައް ސުވާލުތަކެއް އުފެދިފައި ވެއެވެ.

މިދިޔަ އިންތިޚާބުގެ ކެމްޕެއިންގައި ބޮޑުވަޒީރު މޯދީގެ ކަނާއަތްކަމަށް ބެލެވޭ އަދި މިހާރުގެ ހޯމް މިނިސްޓަރ އަމިތު ޝާހު މުސްލިމުންނަށް ނިސްބަތް ކުރައްވަނީ ވިދާޅުވެފައިވަނީ، އިންޑިއާއިން "ކަތުރުފަނި" އެއްކޮށް ނައްތާލަންޖެހޭ ކަމަށެވެ.

އިންތިޚާބު ކާމިޔާބު ވެއްޖެނަމަ، ބޭރުން އަރާތިބި އެންމެން ބޭރުކޮށްލުމުގެ މަސައްކަތް ފަށްޓަވާނޭ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އޮގަސްޓް 5 ވަނަ ދުވަހު އިންޑިއާ ސަރުކާރުން މިވަނީ، އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓް، ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަނެ، އެ ސްޓޭޓް ރޫޅާލާފައެވެ. އަދި އިންޓަރނެޓާއި، މުވާސަލާތީ ގުޅުންތައް ކަނޑާލައި އެ ސްޓޭޓް މިހާރުއޮތީ އާންމު ރައްޔިތުންނާއެކު "ބަންދު" ކޮށްފައެވެ.