ސްޕެނިޝް ލީގުގައި މިރޭ އޮސަސޫނާ އާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސާއިން ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. މިރޭގެ މެޗު އެއްވަރުވިއިރު، ލީގުގައި ފުރަތަމަ ކުޅުނު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. މިރޭގެ މެޗުގައިވެސް އަނިޔާގެ ސަބަބުން ބާސާގެ ކުރީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އާއި ފޯވާޑް ލުއިސް ސުއަރޭޒް އަދި ފޯވާޑް އޮސްމާނޭ ޑެމްބެލޭ ކުޅެފައެއް ނުވެއެވެ.

އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އޮސަސޫނާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ރޮބާޓޯ ޓޮރެސް ވަނީ އޮސަސޫނާއަށް ލީޑު ނަގާދީފައެވެ.

ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް، ދެވަނަ ހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންސޫ ފަޓީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއާއެކު އޭނާ ވެފަިވަނީ ބާސާގެ ތާރީޚުގައި އެޓީމަށް ގޯލެއް ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި ގޯލެއް ކާމިޔާބުކުރި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އެގޭ ފަހުން ބާސާއިން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، 64 ވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބްރެޒިލްގެ މިޑްފީލްޓަރު އާތޫރު މެލޯ އެވެ. މި މެޗުން ބާސާ މޮޅުވާން ދަނިކޮށް 81 ވަނަ މިނެޓުގައި އޮސަސޫނާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ އަތުގައި ބޯޅަ ޖެހުމުން، ލިބުނު ޕެނަލްޓީން އޮސަސޫނާއަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮބާޓޯ ޓޮރެސް އެވެ.

މިރޭގެ މެޗުން ބާސާ އެއްވަރުވިއިރު، ލީގު ތާވަލުގައި އެޓީމު އޮތީ ކުޅުނު ތިން މެޗުން ލިބުނު 4 ޕޮއިންޓާއެކު ހަތްވަނައިގައެވެ. އޮސަސޫނާ އޮތީ ތާވަލުގެ ހަތަރުވަނައިގައި 5 ޕޮއިންޓާއެކު އެވެ.