ބެލްޖިއަމް ގްރޯން ޕްރީ ފޯމިއުލާ 2 ރޭހުގެ ތެރެއިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ފްރާންސްގެ މަޝްހޫރު ޑްރައިވަރު އެންތަނީ ހަބާޓް މަރުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ އެންތަނީ މަރުވީ މިއަދު ކުރިއަށްދިޔަ ރޭހުގައި އޭނާ ދުއްވަން އިން ކާރު، އެހެން ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ އެކްސިޑެންޓާ ގުޅިގެން އެންތަނީ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 22 އަހަރުގައި އެންތަނީ މަރުވިއިރު، 2013 ވަނަ އަހަރު ރޭސިން ކެރިއަރު ފެށި އޮންތޮނީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2013 ވަނަ އަހަރު ފްރެންޗް ފޯމިއުލާ 4 ޗެމްޕިއަންޝިޕްގެ އެއްވަނަ ހޯދިއިރު، މިދިޔަ އަހަރު އޭނާ ވަނީ ޖީޕީ3 ސީރީސްގެ އެއްވަނަވެސް ހޯދާފައެވެ.

އެންތަނީ މަރުވުމުގެ ހާދިސާ މިހާރު ތަހުގީގު ކުރަމުންދާއިރު، މިއަދު ކުރިޔަށްދިޔަ ރޭސް ވަނީ މި ހާދިސާއާ ގުޅިގެން މެދުކަނޑާލާފައެވެ. އަދި މިރޭސް ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާނުކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ބެލްޖިއަމް ގްރޯން ޕްރީ ކުރިއަށްދިޔަ ރޭސިން ޓްރެކުގައި މީގެކުރިންވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ ޑްރައިވަރުން މަރުވެފައެވެ.

އެގޮތުން އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ދެ ޑްރައިވަރުން ކަމަށްވާ ކްރިސް ބްރިސްޓޯ އާއި އެލެން ސްޓޭސީވެސް މަރުވެފައިވަނީ މި ޓްރެކުގައި ހިނގި އެކްސިޑެންޓުތަކެއްގައެވެ.