އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ލީގުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ބާންލީއާ ވާދަކޮށް 3-0 އިންނެވެ. މި މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ.

އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ބާންލީގެ ފޯވާޑް ކްރިސް ވުޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. ބާންލީގެ ފަހަތުން އެޓީމުގެ ކުޅުންތެރިއަކު ހެދި ގޯހެއްގެ ފައިދާނަގާ ރޮބާޓޯ ފިރްމީނީ ދިން ޕާހަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، 80 ވަނަ މިނެޓުގައި ފިރްމީނޯ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި ފިރްމީނޯ ކާމިޔާބުކުރި 50 ވަނަ ގޯލެވެ. އެއާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި 50 ގޯލް ހަމަކުރި ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.