ރާޚައިން ސްޓޭޓްގައި ގަތުލުއާންމު ހިންގި ސިފައިންގެ މައްޗަށް ކޯޓް މާޝަލް ނުވަތަ އަސްކަރީ ޝަރީއަތް ހިންގާނޭ ކަމަށް، މިޔަންމާ އަސްކަރިއްޔާއިން ބުނެފިއެވެ.

މިޔަންމާ އަސްކަރިއްޔާއިން މިކަން ހާމަކޮށްފައިވަނީ، އަސްކަރީ ކޯޓުން ރާޚައިން ސްޓޭޓަށް ޒިޔާރަތްކޮށް ހާމަވި ކަންތައްތަކާ ގުޅިގެންނެވެ.

މިޔަންމާ ސިފައިންގެ ކޮމާންޑަރ އިން ޗީފް މިން އަންގް ހްލިއަންގެ ވެބްސައިޓްގައި ބުނެފައިވަނީ، ދެވިފައިވާ އިރުޝާދުތަކާ ޚިލާފަށް ރާޚައިން ސްޓޭޓްގެ އަވަށެއްގައި ބައެއް ސިފައިން އަމަލުތައް ހިންގާފައިވާކަން ހާމަވެފައިވާ ކަމަށެވެ.

2018 ވަނަ އަހަރު އެސޯސިއޭޓެޑް ޕްރެސްއިން ހާމަކޮށްފައިވާ ގޮތުގައި، މިޔަންމާގެ އެ އަވަށުން، ރޮހިންގާ މުސްލިމުން މަރައި ވަޅުލާފައިވާ ގާތްގަނޑަކަށް ފަސް ކަށްވަޅު އެބަހުރި ކަމަށެވެ. އެކަމަށް މިޔަންމާ ސަރުކާރުން ފަހުން ވަނީ އިޢްތިރާފުވެސް ވެފައެވެ.

މިޔަންމާ ސަރުކާރުން ކުރިން ބުނަމުންދިޔައީ، އެ ކަށްވަޅުތަކުގައި ވަޅުލާފައިވަނީ ރޮހިންގާ 19 "ޓެރަރިސްޓުން" ކަމަށެވެ.

އަސްކަރީ ކޯޓުން ރާޚައިން ސްޓޭޓަށް ކުރި ޒިޔާރަތުގައި ހޯދިފައިވާ ހޯދުންތަކާ ގުޅޭގޮތުން މީޑިއާއިން ސުވާލު ކުރުމުން، މިޔަންމާ އަސްކަރިއްޔާގެ ތަރުޖަމާނު ބުނީ، އެ މައުލޫމާތު ތަކަކީ ސިއްރެއް ކަމަށެވެ.

އެ މައުލޫމާތު ދެނެގަތުމުގެ ހައްގު އޭނާއަށްވެސް ލިބިގެން ނުވާ ކަމަށާއި، އަސްކަރީ ކޯޓުން ކަންކަން ފުރިހަމަ ކުރުމަށްފަހު މައުލޫމާތު ހާމަ ކުރާނޭ ކަމަށް ތަރުޖަމާނު ބުންޏެވެ.

މިޔަންމާ އަސްކަރިއްޔާއިން، މާޗްމަހު އެކުލަވާލި އަސްކަރީ ކޯޓުގައި ހިމެނެނީ މޭޖަރ ޖެނެރަލްއަކާއި، ދެ ކާނަލުންނެވެ. މިއީ، މިޔަންމާ ސިފައިން ރާޚައިން ސްޓޭޓަށް އަރައިގަނެ ރޮހިންގާ މުސްލިމުން މަރައި، ރޭޕްކޮށް، އަދި މުސްލިމުންގެ ގެދޮރާއި، އަވަށްތަކުގައި ހުޅުޖަހައި އެންދިކަމަށް އދއާއި، އެމްނެސްޓީއާއި، ހިއުމަން ރައިޓްސް ވޮޗުން ބުނުމާ ގުޅިގެން އެކުލަވާލި ކޯޓެކެވެ.

ކޯޓު އެކުވަލާލި ފަހުން، އެ ކޯޓުން މިހާތަނަށް ވަނީ ދެފަހަރަށް ރާޚައިން ސްޓޭޓަށް ޒިޔާރަތް ކޮށްފައެވެ.

ރޮހިންގާ ހަނގުރާމަވެރިންގެ ގްރޫޕަކުން މިޔަންމާ ފުލުހުންގެ ޕޯސްޓަކަށް ހަމަލާ ދިނުމާ ގުޅިގެން، މިޔަންމާ ސިފައިން 2017 ވަނަ އަހަރު ރާޚައިން ސްޓޭޓަށް އަރައިގަނެ ހިންގި އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާ ހެދި ފުރާނައިގެ ސަލާމަތަށް އެދިގެން ހަތްލައްކަ ތިރީސް ހާހަށްވުރެ ގިނަ މުސްލިމުން ފިލައިގެން އަވަށްޓެރި ބަނގްލަދޭޝްއަށް ގޮސްފައި ވެއެވެ.

މިކަމާ ގުޅިގެން އެމެރިކާއިންވަނީ މިޔަންމާ ސިފައިންގެ ކޮމާންޑަރ އިން ޗީފާއި، ސިފައިންގެ އެތައް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.