ޔަމަނުގެ މެދުތެރޭ ރަށެއްގައި ހުރި ޖަލަކަށް، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން ބޮން އެޅުމުން އީރާނުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މޫސަވީ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިކަމަކީ، ސައުދީ ކޯލިޝަނުން ޔަމަނުގައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކުގެ އެންމެފަހު ބޮޅު ކަމަށެވެ.

ޔަމަނުގެ ޖަލަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ސައުދީ އަރަބިއްޔާއާއި، ޔޫއޭއީގެ ސިފައިންނެވެ.

ސައުދީ ކޯލިޝަނުން ޔަމަނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދަނީ، އެމެރިކާއާއި، ހުޅަނގުގެ ގައުމުތަކުން ދޭ ހަތިޔާރު ބޭނުން ކޮށްގެން ކަމަށާއި، އެހެންކަމުން، މިޖަރީމާތަކުގެ ޒިންމާ ޔަމަނުގެ ރައްޔިތުން އަޅުވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ބޮލުގައި ކަމަށް އީރާނުގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ސައުދީ ކޯލިޝަނުން ބޮން އަޅާފައިވަނީ، ޔަމަނުގެ މެދުތެރޭ ދަމާރް ޕްރޮވިންސްގައި ހުންނަ ޖަލަކަށެވެ. އެތަނަކީ ހަނގުރާމައިގެ އަސީރުން ބަންދުކޮށްފައި ތިބޭ ތަނެވެ.

އެޖަލަށް ރޭ ފަތިހު ބޮން އެޅުމުގެ ސަބަބުން ގާތްގަނޑަކަށް ފަސްދޮޅަސް ގައިދީން މަރުވެފައިވާ ކަމަށް، ޔަމަނުގެ ބޮޑުބައެއްގައި ވެރިކަންކުރާ ހޫޘީންގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހޫޘީން ހިންގާ އަލްމާސިރާ ޓީވީއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޔޫސުފް އަލް ހަދްރީ ވިދާޅުވީ، ޖަލަށް ބޮން އެޅުމުގެ ސަބަބުން އިތުރު ފަންސާސް ގައިދީން ޒަޚަމްވެފައިވާ ކަމަށެވެ.

އެ ޖަލަކީ އާންމުގޮތެއްގައި 185 ގައިދީން ބަންދުކޮށްފައި ތިބޭ ތަނެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.