ރިލްވާން ވަގަށްނެގި މީހުންނަކީ އަލްގައިދާ އަދި އައި.އެސްގެ "ޗެއިން" އާއި ގުޅުން އޮތް ބައެއްކަމަށް ތަހުގީގަށް ލިބުނު މައުލޫމާތުން އެނގިފައިވާކަމަށް މަލާރާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ ކޮމިޝަނުން ހާމަކޮށްފި އެވެ.

ނޫސްވެރިޔާ ރިލްވާން އަބުދުﷲ ގެއްލުވާލި މައްސަލައިގެ ތަފްސީލުތައް އެ ކޮމިޝަނުން ވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ. އެގޮތުން ދީނީ ހަރުކަށި ޖަމާއަތަކުން ރިލްވާން ވަގަށްނަގައި މަރާލާފައިވާ ކަމަށާއި، އަދި އެ މައްސަލައިގެ އަސްލު ގޮސް ހުއްޓެނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކާއި ކަން އެ ކޮމިޝަންގެ ރައީސް ސުޢޫދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި "އަލްގައިދާ" އަދި "އައި.އެސް" ޖަމާއަތަށް ވާގިވެރިވާ އެމީހުންނަށް ފަންޑުކޮށްދޭ، އަދި އެމީހުންގެ ފިކުރު ރާއްޖޭގައި ހިންގުމަށް ވާގިވެރިވާ، އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ މީހުން އުޅޭކަން ތަހުގީގަށް ހޯދިފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.