ޗައިނާގެ ދާރުލްއާސާރަކަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް އާދަޔާ ޚިލާފް، ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު އެ ދާރުލްއާސާރުން ހުޅުވާލައިފިއެވެ.

ޗައިނާގެ ޝިންޖިއާންގައި ހުންނަ ޓާރޕަން މިއުޒިއަމް ނުވަތަ ދާރުލްއާސާރަކީ، މީގެ އެތައްހާސް އަހަރުކުރިން މަރުވެ، އެހެން ނަމަވެސް ހަލާކުނުވެ ހުންނަ އިންސާނުންގެ ހަށިތައް ނުވަތަ "މަމީސް" އާންމުކޮށް ދައްކާލަން ބަހައްޓާފައި ހުންނަ ތަނެކެވެ.

ބުނެވޭގޮތުގައި، އެ ދާރުލްއާސާރުގައި އެތައް ގަރުނެއް ވެފައިވާ އިންސާނުންގެ ހަށިގަނޑުތައްވެސް އެބަހުއްޓެވެ. ބިއްލޫރި ފޮށްޓަކަށް ލާފައި ދައްކާލަން ބަހައްޓާފައިވާ ޚާއްސަ ދެ މަމީއަށްވެސް ތިންހާސް އަހަރު ވެދާނެކަމަށް، ސައިންސްވެރިން ބުނެއެވެ.

މިތަކެތި އާންމުކޮށް ދައްކާލަން ބަހައްޓާފައި ހުންނަނީ ދާރުލްއާސާރުގެ އެގްޒިބިޝަން ހޯލްގެ ތެރޭގައި ވަކި ވަކީން ޓެންޓްތައް ޖަހައި، އެތަންތަނުގައެވެ.

އެގޮތުން، މި ދާރުލްއާސާރުން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލި ފުރުސަތަކީ، ރޭގަނޑުގެ ވަގުތު މަމީސްއެއްގެ ގާތުގައި ނިދާލުމުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތެވެ.

މަމީސްގެ އިތުރުން، އެތާނގައި ހުރި މީގެ އެތައްހާސް އަހަރުކުރިން ދުނިޔޭގައި އުޅުނު ކަމަށް ބުނާ މާސިންގާ ޖަނަވާރުތަކާއި، ޑައިނަސޯގެ ކަށިތައް ކައިރީގައި ނިދާލުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ދާރުލްއާސާރުން އާންމުކޮށް ހުޅުވާލާފައި ވެއެވެ.

ދާރުލްއާސާރުގެ އޮފިޝަލަކާ ހަވާލާދީ ޗައިނާ ޕްރެސްއިން ބުނެފައިވަނީ، މަމީސް ނުވަތަ ޖަނަވާރާއި ޑައިނަސޯގެ ކަށިތަކާއެކު ނިދާލުމުގެ ތަޖުރިބާ ކޮށްލަން، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލި ފުރުސަތަކީ ތައުލީމީ ބޭނުންތަނަށް އެކަން ތަޖުރިބާ ކޮށްލަން ހުޅުވާލި ފުރުސަތެއް ކަމަށެވެ.

ޓާރޕަން ދާރުލްއާސާރަކީ ޗައިނާގެ އެތައްބަޔަކު ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ތަނެކެވެ. އެތަނަށް ގިނައިން ޒިޔާރަތްކުރަނީ ޗައިނާގެ ތާރީޚާއި، ޘަގާފަތަށް ޝައުގުވެރިވާ ޒުވާނުން ކަމަށް، ޗައިނާ ޕްރެސްއިން ބުނެފައިވެއެވެ.