ކުރެންދޫ ދައިރާގެ މަޖިލިސް މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމްގެ ހެޔޮ އެދުންތަކާއެކު، އެރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ހަތަރު ވަނަ "ކުރެންދޫ ކަޕް" ފުޓްބޯޅަ މުބާރާތް އާދިއްތަ ދުވަހުގެ ހަވީރު ފަށައިފި އެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮލިޕިކޭޝަން ބުރެއް ކުޅުމަށްފަހު، އޭނގެން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް ގްރޫޕް ސްޓޭޖްއަށް ދަތުރު ކުރާ ގޮތަށެވެ. ކޮލިފިކޭޝަން ބުރުގައި ޖުމްލަ ތިން ޓީމް ވާދަކުރާއިރު، މުބާރާތް ހުޅުވުމުގެ ގޮތުން އާދިއްތަ ދުވަހު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރި ދެޓީމަކީ ކޮލިފިކޭޝަން ބުރުގައި ވާދަކުރާ ދެޓީމް ކަމަށްވާ ހަފްޝީ ސްޕޯޓްސް ކުލަބާއި ކުއެނާ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗް 2-1 ލަނޑުން ކާމިޔާބު ކުރީ ހަފްޝީ ސްޕޯޓްސް ކުލަބެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ދެ ލަނޑުގެ ލީޑަކާއެކު ހަފްޝީ ކުރީގައި އޮތް ނަމަވެސް، ދެ ވަނަ ހާފުގައި ކުއެނާއިން ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް މެޗް ނިމިގެން ދިޔައީން ހަފްޝީ ކުރީގައި އޮވެގެންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަފްޝީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަބްދުﷲ ނާޒިމް އެވެ.

މިމުބާރާތުގައި ހޯމަ ދުވަހު ހަވީރު 4:00 ގައި ބައްދަލުކުރާ ދެޓިމަކީ ކޮލިފިކޭޝަން ބުރުގައި ދެން ވާދަކުރާ ވާދަކުރާ ޒިފިޔަސް ޔޫތު ޒެސްޓު (އެކްސްވައިޒެޑް) އާއި ހަފްޝީ ސްޕޯޓްސް ކުލަބެވެ.

މިމުބާރަތުގެ ގްރޫޕް ސްޓޭޖް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާއިރު، ސެމީ ފައިނަލް މެޗްތައް ކުޅުމަށް ހަމަ ޖެހިފައި ވަނީ މިމަހު 13 އަދި 14 ވަނަ ދުވަހުގެ ހަވީރު އެވެ.

މިމުބާރާތުގެ ފައިނަލް މެޗް މިމަހުގެ 16 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް ކުރެންދޫ ދާއިރާގެ މެމްބަރުގެ ހެޔޮއެދުންތަކާއެކު ދިނުމަށް ހަމަޖެހިފައިވަނީ 50000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވައިރު، ފެއާ ޕްލޭޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ 10000 ރުފިޔާއެވެ. މިއީ މިފަދަ އަގު ބޮޑު ފުޓްބޯޅަ މުބާރާތެއް ކުރެންދޫގެ ތާރީހުގައި ބާއްވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކުލެވާ ބޯއީސް އެވެ.