އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، އާސެނަލުން ނަތީޖާ އެއްވަރުކުރީ ފަހަތުން އަރައި ޖެހި ދެ ގޯލާއެކު އެވެ.

މެޗުގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޓޮޓެންހަމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފަ އެވެ. އެގޮތުން 10 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ވަނީ ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މި ޕެނަލްޓީ ލިބުނީ ޓޮޓެންހަމްގެ ސޮންއަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. 45 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ދިން ބޯޅައަކުން މި ގޯލް ކާމިޔާބުކޮށްދިނީ ފޯވާޑް އެލެކްޒެންޑާ ލަކަޒެޓް އެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގެ 71 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މަޓެއޮ ގުއެންޑޫޒީ ދިން ބޯޅައަކުން މި ގޯލު އާސެނަލަށް ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް-އޮބަމަޔަން އެވެ. އަދި އޭގެ ފަހުން އާސެނަލްގެ ޑިފެންޑަރު ސޮކްރަޓިސް ގޯލުގެ ތެރެއަށް ވައްދާލި ބޯޅައެއް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފަ އެވެ.

ރޭގެ މެޗަށްފަހު ލީގު މެދުކަނޑާލިއިރު، ތާވަލުގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާއެކު އޮތީ ލިވަޕޫލް އެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކު އާސެނަލް ފަސްވަނައިގައި އޮތްއިރު، 5 ޕޮއިންޓް ލިބިފައިވާ ޓޮޓެންހަމް އޮތީ ތާވަލުގެ ނުވަވަނައިގަ އެވެ.