ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ރެއާލް މެޑްރިޑް 2-2 ލަނޑުން އެއްވަރުވި މެޗުގައި ރެއާލްގެ ފޯވާޑް ގަރެތު ބޭލްއަށް ރަތް ކާޑު ދައްކައިފި އެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ރެއާލުގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިން އުމުރުން 30 އަހަރުގެ ބޭލްއަށް ރަތް ކާޑު ދެއްކީ މެޗުގެ 90 ވަނަ މިނެޓުގައެވެ. އޭނާއަށް ރެފްރީ ރަތް ކާޑު ދެއްކީ ވިޔަރެއާލްގެ ކުޅުންތެރިއަކަށް ގާތުގާތުގައި ކުރި ދެ ފައުލަކާ ގުޅިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ވިޔަރެއާލްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް މޮރޭނޯ އާއި މޮއީ ގޯމޭޒް އެވެ.

ރޭގެ މެޗަށް ފަހު ރެއާލުގެ ކޯޗު ޒައިނެއްދީން ޒިދާން ބުނީ މެޗުން ބަލިނުވެ ސަލާމަތްވީ ބޭލްގެ ހިތް ވަރުން ކަމަށާއި އޭނާއަށް މެޗުގައި ރަތް ކާޑު ދެއްކި ނަމަވެސް އޭނަގެ ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރޭގެ މެޗުން ރެއާލްއަށް ލިބުނު އެއް ޕޮއިންޓާއެކު ލީގް ތާވަލްގައި އެޓީމް މިވަގުތު އޮތީ ފަސް ވަނަ މަގާމްގައެވެ. އަދި ވިލަރެއާލް އޮތީ ލީގް ތާވަލްގެ 16 ވަނަ މަގާމްގައެވެ.

މީގެ އިތުރުން ސްޕެނިޝް ލީގުގަިއ ރޭ ފަހަތުން އަރައި 3-2 ލަނޑުން އެއިބާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ވަނީ އެ ޓީމު ލީގުގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. މިމޮޅާއެކު އެތުލެޓިކޯ ލީގް ތާވަލްގައި މިވަގުތު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެއް ވަނަ މަގާމްގައެވެ.