މި ސަަރުކާރުގައި ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އެ ކޮލެޖުގެ ރެކްޓަ ޑރ. އަހްމަދު އަންވަރު ވިދާޅުވެއްޖެ އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމާއެކު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކޮށްދެއްވުމަށް އެދި ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"އެހެންކަމުން މި ސަރުކާރުގައި ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު. ސަރުކާރުން އެކަމުގައި ދެއްވަނީ ވަރަށް އުންމީދީ ޖަވާބުތަކެއް،" އަންވަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖު، ޔުނިވަސިޓީ އަކަށް ބަދަލުކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރައްވަމުން ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ނިމިދިޔަ ސަރުކާރުގައިވެސް ގިނަ މަސައްކަތްކަތެއް ކުރެވުނު ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގައި 2013 ވަނަ އަހަރު ވިލާ ކޮލެޖުން ޕްރޮޕޯސަލެއް ހުށަހެޅުމުން އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން އޭރު ހިންގަމުންދިޔަ ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ބޮޑު ޓީމެއް ވިލާ ކޮލެޖަށް ޒިޔާރާތްކޮށް އެތަނުގެ އެސަސްމެންޓެއް ހެދި ކަމަށްވެސް ޑރ. އަންވަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

އެސެސްމަންޓް ހެދި ކޮމިޓީން ވިލާ ކޮލެޖު، ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ސަރުކާރަށް ލަފާ އަރުވާފައިވާ ކަމަށް އެނގިފައިވާ ކަމަށްވެސް އންވަރު ވިދާޅުވި އެވެ. އެހެންނަމަވެސް އެކަމުގައި އެއްވެސް ނަތީޖާއެއް ނުލިބި ވަނިކޮށް ސަރުކާރު ނިމުމަކަށް އައީ ކަމަށްވެސް ޑރ. އަންވަރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރެވިއްޖެނަމަ އެ ކޮލެޖު ވެގެން ދާނީ ދިވެހިރާއްޖޭގެ ފުރަތަމަ އަމިއްލަ ޔުނިވާސިޓީއަށެވެ.

ވިލާ ކޮލެޖު އެންމެ ފުރަތަމާ ހިންގަން ފެށީ 2006 ވަނަ އަހަރު 4 އިންސްޓިޓިއުޓަކަށް ބަހާލައިގެންނެވެ. އެއީ ބިޒްނަސް މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި ޑައިވިން އެންޑް ވޯޓަރ ސްޕޯޓްސް އެވެ. މީގެތެރެއިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި ޑައިވިން އެންޑް ވޯޓަ ސްޕޯޓްސްގެ އިންސްޓިޓިއުޓް ހިންގީ ސަން އައިލެންޑްގަ އެވެ. ބިޒްނަސް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ އިންސްޓިޓިއުޓް ހިންގީ މާލޭގަ އެވެ.

ވިލާ ކޮލެޖަށް، ކޮލެޖެއްގެ ދަރަޖަ ދީގެން މަދު ކުދިން ކޮޅަކާއެކު އެންމެ ފުރަތަމަ ވިލާކޮލެޖުގެ ނަމުގައި ހިންގަން ފަށާފައިވަނީ 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ވިލާ ކޮލެޖަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގާ ކޮލެޖެވެ.