ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ބާލާއިރު ސްރީލަންކާއަކީ އެންމެ ގާތް އެކުވެރިއަކަށްވާނެ އެއް ގައުމެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިކަމާއި އެއްބާރުލުމުގެ އަތް އެންމެ އަވަހަށް ދިއްކުރާ އެއް ގައުމަކީ ލަންކާ އެވެ. ތަރައްގީގެ ރޮނގުގައި ދިވެހިރާއްޖެއަށް މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކުގައި ވެސް ސްރީލަންކާގެ ހިއްސާގެ ބޮޑެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދުގައި އޮންނަ ޒަމާންވީ މި ގުޅުމުގެ ފެށުމެއްގެ ގޮތުގައި ވެފައިވަނީ މި ގުޅުންތައް ހަރުދަނާ ކުރުމަށް 1906 ވަނަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުޅުވި ދިވެހިރާއްޖޭގެ އޮފީހެވެ. ރާއްޖެއާއި ލަންކާގެ މެދުގައި ހިނގާ ކަންކަން ހަރުދަނާކުރުމަށް ހުޅުވި މި އޮފީސް ރަސްމީކޮށް އެމްބަސީއަކަށް ބަދަލުކޮށް ދެގައުމު ދެމެދުގައި އޮތް ގުޅުން ރަސްމީކޮށް ސިޔާސީ ގުޅުމަކަށް ބަދަލުކުރެވިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ.

މި ގުޅުމަށް މިހާރު 54 އަހަރު ވެފައިވާއިރު ފާއިތުވެގެންދިޔަ އަހަރުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެތައް ކަމެއް ވަނީ ހިނގާފަ އެވެ. އެގޮތުން 1980 ވަނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހު ރާއްޖޭގައި ވަނީ ސްރީލަންކާގެ އެންބަސީއެއް ވެސް ގާއިމްކޮށްފަ އެވެ. އަދި ފާއިތުވި 54 އަހަރު ތެރޭގައި ރާއްޖެއަށް ސިޔާސީ، އިގްތިސޯދީ، ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރަށް މި ނޫންވެސް ތަރައްގީއާއި ކުރިއެރުން ލިބޭނެ ފަދަ ދާއިރާތަކުން އެހީތެރިވުމަށް 25 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރީމަންޓްތައް އެކުލަވާލައި ސޮއިކޮށްފައިވެ އެވެ. މި އެގްރީމަންޓުތަކަށް ބަލާލާއިރު މީގެ ތެރޭގައި ވިސާގެ މައްސަލަތައް ހައްލު ކުރުމަށާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، ވިޔާފާރީގެ އިތުރަށް ތައުލީމީ ދާއިރާއާއި ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތައް ފާހަގަކޮށްލެވެ އެވެ.