ލުބުނާނުގެ ހިޒްބުﷲ މުޖާހިދުންނާއި، އިސްރާއީލު ސިފައިންނާ ދެމެދު ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ސަރަހައްދީ އިން ހުރަސްކޮށް ދެ ފަރާތުން މިއަދު ބަދަލުކުރި ހަމަލާތަކުގައި އެއްވެސް މީހަކަށް ކަމެއް ވީކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް، ހަމަލާތައް ބަދަލުކުރަން ފެށުމާއެކު އދއިން ވަނީ ވަގުތުން އެކަން ހުއްޓާލުމަށް ގޮވާލާފައެވެ. ލުބުނާނު-އިސްރާއީލު ވަކިކުރާ އިމުގައި އދގެ ސުލްހަ ބަލަހައްޓާ ފައުޖެއްވެސް އޮވެއެވެ.

ހިޒްބުﷲ މުޖާހިދުންނާއި، އިސްރާއީލު ސިފައިންނާ ދެމެދު ހަމަލާތައް މި ބަދަލުކުރީ، އިސްރާއީލުން ދެ ޑްރޯން ފޮނުވައި ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދޭން އުޅުނު ހަމަލާއާ ގުޅިގެން، ހަފްތާއެއް ވަންދެން މަސްރަހް ވަރަށް ބޮޑަށް ނުތަނަވަސްވެފައި އޮތުމަށް ފަހުގައެވެ.

އިސްރާއީލުން މަސައްކަތްކުރީ ހިޒްބުﷲ ގެ މަގާމުތަކަށް ހަމަލާދޭން ކަމަށް ބުނެ އެކަމުގެ ބަދަލު ހިފާނޭ ކަމަށް ހިޒްބުﷲއިން އިންޒާރު ކުރުމުން އިސްރާއީލުން ވަނީ ސަރަހައްދީ އިމަށް ސިފައިން ޖަމާކޮށް ތައްޔާރީ ހާލަތަށްވެސް އައިސްފައެވެ.

މިއަދުގެ ހަމަލާތަކުގައި އިސްރާއީލުންވަނީ، ލުބުނާނުގެ ތެރެއަށް ބޮޑުބަޑިން ސަތޭކައެއްހާ ހަމަލާ ދީފައެވެ. އިސްރާއީލުން ބުނީ،، ލުބުނާނުގެ ތެރެއަށް ހަމަލާދިނީ، ލުބުނާނުގެ ތެރެއިން އިސްރާއީލަށް ޓޭންކާ ދެކޮޅަށް ބޭނުންކުރާ ދޭއް ނުވަތަ ތިން މިސައިލް ހަމަލާ ދިނުމާ ގުޅިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހިޒްބުﷲއިން ފޮނުވާލި ދެ މިސައިލެއް ވަނީ އޭގެ އަމާޒަށް ވާސިލްވެފައެވެ. އެއީ، ސިފައިން ބޭނުންކުރާ އިމާރާތަކާއި، އަސްކަރީ އެމްބިއުލެންސްއެކެވެ.

އަސްކަރީ އެމްބިއުލެންސްއަށް މިސައިލް ހަމަލާ އަމާޒުވެ އެގައި ތިބި އެންމެން މަރާލެވި ނުވަތަ ޒަޚަމް ކޮށްލެވިފައިވާ ކަމަށް ހިޒްބުﷲއިން ބުނި ނަމަވެސް އިސްރާއީލުންވަނި އެ ވާހަކަ ދޮގުކޮށްފައެވެ.

ޚަބަރު ލިބޭގޮތުގައި، މިއަދުގެ ކުރިމަތިލުންތަކާ ގުޅިގެން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ މިހާރު ގެންދަނީ، މިކަމާ ގުޅިގެން ދެން އަޅާނޭ ފިޔަވަޅާމެދު މަޝްވަރާ ކުރަމުންނެވެ.

އިސްރާއީލުން ލުބުނާނަށް ހަމަލާދޭން ފެށުމުން، ލުބުނާނުގެ ބޮޑުވަޒީރު ސައާދު ހަރީރީވަނީ، މިކަމުގެ ތެރެއަށް ވަދެ މިކަން ހުއްޓުވައި ދިނުމަށް އެމެރިކާ އަދި ފަރަންސޭސި އޮފިޝަލުންނަށް ގުޅުއްވައި، އެ ގައުމުތަކުގެ ކިބައިންނާއި އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިންވެސް އެދިވަޑައި ގެންފައެވެ.

ޚަބަރު ލިބޭގޮތުގައި މިއަދު ބަދަލު ކުރި ހަމަލާތަކަށްފަހު ސަރަހައްދީ އިން މިހާރު އޮތީ ހަމަހިމޭންކޮށެވެ.