ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ޝޯޓުލިސްޓުކުރި ތިން ކުޅުންތެރިންގެ ތެރޭގައި މިފަހަރު ލިވަޕޫލުގެ ވާޖިލް ވެން ޑައިކް ބާސެލޯނާގެ ލިއޮނަލް މެސީ އަދި ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެއެވެ.

މިފަހަރު މި އެވޯޑު ލިބޭނެކަމަށް އެންމެބޮޑަށް ބެލެވޭ އެއް ކުޅުންތެރިއަކީ ލިވަޕޫލްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވެންޑައިކް އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލް އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އޭނާގެ ފަރާތުން މިދިޔަ ސީޒަނުގައި ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

މީގެއިތުރުން ވެން ޑައިކް އަކީ ޔޫރަޕުގެ ފުޓުބޯޅައި މައި އިދާރާ ޔުއެފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މި އެވޯޑަށް ވާދަކުރާ މެސީ ވަނީ ސްޕެއިންގެ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި މެސީ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށްފައެވެ. އަދި 22 އެސިސްޓު ވަނީ ހަދާފައެވެ. ޔުވެންޓަސްއާއެކު ރޮނާލްޑޯ އިޓާލިއަން ލީގު ހޯދިއިރު އޭނާ ވަނީ 43 މެޗުގައި 28 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑަށް މިފަހަރު ވާދަކުރަނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓީނޯ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ އެމެރިކާ އާއެކު ވޯލްޑް ކަޕް މިފަހަރު ކާމިޔާބުކުރި އެލެކްސް މޯގަން އާއި މެގަން ރެޕީނޯގެ އިތުރުން އިންގްލޭންޑުގެ ލޫސީ ބްރޯންޒް އެވެ.

ފީފާގެ ބެސްޓް އެވޯޑްސްގެ މިފަހަރުގެ ހަފްލާ އޮންނާނީ މިމަހު 23 ވަނަ ދުވަހު މިލާނުގަައެވެ.

މި އެވޯޑު މިދިޔަ އަހަރު ހޯދާފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު ލޫކާ މޮޑްރިޗް އެވެ.