ސިޔާސީ ހަސަދައިގައި ބަދަލުހިފުމުގެ ރޫހު ދޫކޮށްލުމަށް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިންޑިއާގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމަކީ، ސިޔާސީ ހަސަދައިގައި ބަދަލުހިފުމުގެ ނަތީޖާ ކަމަށް މަންމޯހަން ސިންގް ވިދާޅުވިއެވެ.

ކުރިން ރެކޯޑް ކުރައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވި މެސެޖެއްގައި، ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް ވިދާޅުވެފައިވަނީ، އިންޑިއާގެ ޖީޑީޕީގެ ކުރިންއެރުން މަޑުޖެހިފައި އޮތްއޮތުން ދިގުލައިގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އިންޑިއާގެ ޒުވާނުންނާއި، ދަނޑުވެރިންނާއި، ވިޔަފާވެރިންނާއި، އެކަހެރިކޮށް ބާކީކޮށްފައިވާ ދަރިކޮޅުތަކަށް މިހާރަށްވުރެ ރަނގަޅު ގޮތްތަކެއް ވާންޖެހޭ ކަމަށާއި، އިންޑިއާގެ އިގްތިސާދު މިގޮތަށް ހީނަރުވާން ދޫކޮށްލެވެން ނެތް ކަމަށް، ކުރީގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން، ސިޔާސީ ހަސަދަ އެއްފަރާތްކޮށް ހުރިހާ ޚިޔާލަކާއި ފިކުރެއްގެ މީހުންނާ ހަމައަށް ވާސިލްވެ މިހާރު އުފެދިފައިވާ މައްސަލަތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ޑރ. މަންމޯހަން ސިންގް ސަރުކާރަށް ގޮވާލައްވާފައި ވެއެވެ.

އިންޑިއާގެ އިގްތިސާދު މިހާރު އޮތް ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށްވެސް މަންމޯހަން ސިންގް ވިދާޅުވިއެވެ. އުފެއްދުންތެރިކަމުގެ ސެކްޓަރގެ ކުރިއެރުން ދައްކަނީ ސުމެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

އުފެއްދުންތެރިކަން ވަރަށް ބާރަށް ކުރިއަށް ގެންދިއުމުގެ ގާބިލްކަން އިންޑިއާގެ ކިބައިގައި އެބަހުރި ކަމަށާއި، ނަމަވެސް އެކަން ކުރި ނާރައިގެން އުޅެނީ ހުރިހާ ދިމާއަކުންވެސް ސަރުކާރު ހިންގުމުގެ ސިޔާސަތުތައް ދޯހަޅިވުމުން ކަމަށް ސިންގް ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ މައްޗަށް ބައިނަލްއަގްވާމީ އިންވެސްޓަރުންގެ އޮތް އިތުބާރާއި ޔަގީންކަމަށް މިހާރު ލޮޅުން އަރަމުންދާ ކަމަށާއި، އެކްސްޕޯޓްވެސް އިތުރު ކުރެވިފައި ނުވާކަމަށް ކުރީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ވަޒީފާނެތް މީހުންގެ ނިސްބަތް މަތިވަމުންދާ ކަމަށާއި، ސިޔާސަތުތައް ދޯދިޔާވުމުގެ ސަބަބުން އޮޓޯމޮބައިލް ސެކްޓަރއިން އެކަނިވެސް 3.5 ލައްކަ ވަޒީފާ ގެއްލިފައިވާ ކަމަށް މަންމޯހަން ސިންގްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ޑރ. މަންމޯހަން ސިންގްގެ މެސެޖްގައި، ސަރުކާރުގެ ތެރޭގައި ހުރި ވަރަށް ގިނަ މައްސަލަތައް ފާހަގަ ކުރައްވާފައި ވެއެވެ.